Last Updated: March 29, 06:12
Friday, March 29, 2024
ރިޕޯޓް

ބަޣާވާތް ކުރި މީހުން ސަރުކާރުގެ މަތި ފަޑީގައި، އިންސާފެއް ނޫން!

ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅަށް ނިކުތީ ދީނާއި ގައުމަށްޓަކައެވެ. އޭރު ސަރުކާރުން ކުރި ހުރިހާ ކަމެއް އިދިކޮޅުގައި ތިބި ފަރާތްތަކަށް ވީ ގޯސް ކަންތަކަށެވެ. ޓެކްސް ނެގުމާއި، ހިލޭ ބޭސް ފަރުވާ ދިނުންވެސް ގޯހެވެ. އުމުރުން ދުވަސްވީ މީހުންނާއި އެކަނިވެރި މައިންނަށް ދިން އެލެވެންސްވެސް ވީ ގޯހަށެވެ. ކުރުކޮށް ބުނާ ނަމަ ނަޝީދުގެ ވެރިކަމުގައި ރަނގަޅު އެއްވެސް ކަމެއް ނެތް ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

ހަގީގީ ސަބަބެއް ނޭނގެއެވެ. ފަހަރުގައި އެވެރިން ބޭނުންވާ ކަންކަން ނުވާތީ ކަމަށް ވެދާނެއެވެ. ކޮންމެއަކަސް ކޮންމެ ރެއަކު ކުރަމުން ދިޔަ މުޒާހަރާތަކުގެ ސަބަބުން ސަރުކާރަށް ގުޑުން ގެނުވިއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ވެރިކަމުގައި އޭރު ހުންނެވި ރައީސް މުހައްމަދު ނަޝީދަށް އިސްތިއުފާ ދެއްވަން ޖެހުމެވެ.

އިސްތިއުފާ ދެއްވީ އޭރު އެމަނިކުފާނު ވެރިކަމުގައި ހުރެއްޖެނަމަ އިތުރު ގޯސްތަކެއް މިވެރިން ހަދާފާނެ ކަމުގެ ބިރަށެވެ. ރައްޔިތުންނަށްޓަކައެވެ. އިސްތިއުފާ ދެއްވުމުން ވަގުތުން ގައުމީ ޓީވީއަށް އަރާ ނަސްރު ހޯދިއްޖެ ކަމާއި ކާމިޔާބު ވެއްޖަ ކަމަށްބުނެ ވާހަކަތައް ދައްކަމުން ދިޔައެވެ. އޭރު މިވެރިންނަށް މި ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން ނޭނގެއެވެ. އެކަމުގެ ސަބަބުން ގައުމު ވެއްޓިގެން ދާނީ ކިހާ ބޮޑު އަނދަވަޅަކަށް ކަމެއްވެސް މިވެރިންނަށް ރޭކާވެސް ނުލިއެވެ.

މިކަންކަން ފާޅުވެގެން އައީ ޓީވީ ޕްރޮގްރާމުތަކާއި ރައްޔިތުން މަޖިލީހުގެ ޖަލްސާތަކުގައި މެންބަރުން ދައްކަމުން ދިޔަ ވާހަކަތަކުންނެވެ. ސަރުކާރުގެ މުވައްޒަފުންނަށް ދޭނެ މުސާރަ ނެތުމުން އެންމެ ފަހުން ވިޔަފާރިވެރިން އަތުން ދަރަންޏަށް ނަގާފައި މުސާރަ ދޭން ޖެހުނު ދުވަސް މިއަދު މިވެރިން ހަނދާނެއް ނެތެވެ. އެކަން އެގޮތަށް ދިމާވީ މިވެރިން އަމިއްލައަށް ކަންކަން ކުރި ގޮތުގެ ސަބަބުންނެވެ.

ކޮންމެއަކަސް އެވެރިންނަށް އެއީ ނުވާ ކަމަކަށް ހެދި ދާނެއެވެ. އެކަމަކު ގައުމުގެ ތާރީހުން އެކަން ފިލުވާލީ ކިހިނެއް ހެއްޔެވެ. އެކަމުގައި އުޅުނު އެހެން މީހުންގެ ހިތްތަކުން އެކަން ފިލައިގެން ދާނީ ކިހިނެއް ހެއްޔެވެ. އެކަމާއި ގުޅިގެން ސުވާލެއް ކުރިޔަސް ދޭ ޖަވާބު މުޅިން އެހެން މިސްރާބަކަށް ގެންދަނީވެސް މިވެރިން ދުލުގައި އެކަމަށް ދޭނެ އެއްވެސް ޖަވާބެއް ނެތީމައެވެ.

ބައެއް މީހުން ބުނާ ގޮތުގައި މިވެރިންނަކީ ކޮންމެ ވެރިކަމެއްގައިވެސް އެވެރިއަކާއި ދެކޮޅަށް އަބަދުވެސް ނިކުންނާނެ މީހުންނެވެ. ދުވަހަކުވެސް މިވެރިންނަށް ރަނގަޅަށް އެއްވެސް ކަމެއް އެއްވެސް ވެރިއަކަށް ނުކުރެވޭނެއެވެ. އަބަދުވެސް ކޮންމެވެސް ކަމެއް ގޯސްކޮށް ކުރެވޭނެއެވެ. ދުވަސްތައް ފާއިތުވެގެން ދިޔަނަމަވެސް އަދި އެކަމަށް މިއަދު 8 އަހަރު ފުރިގެން ދިޔައަސް މި ވޭތުވެދިޔަ 8 އަހަރު މަގުމަތީގައި އުޅުނު މީހުން އިއްޔެ ވީ ކަމެއް ހެން އެ ހަނދާންތައް ހިތުގައި ބިންވަޅު ނަގާފައި އެބަހުއްޓެވެ.

ދެހާސް ފަނަރަވަނަ އަަހަރު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވި ފަދައިން އެދުވަހު އެމްޑީޕީގެ މެންބަރުން ހާދަ ރުޔެއެވެ. ކަރުނައަޅާ ރުޔެވެ. ހުދު މުހުތާރު ވެރިކަމެއް ބަދަލު ކުރުމަށް އެތައް ދުވަހަކާއި ރެއެއް މަގުތަކުގައި އުޅެ އެތައް ފަހަރަކު ހައްޔަރުވެގެން ހޯދި ވެރިކަން ވައްޓާލީ ގަދަކަމުންނެވެ.

ނަމަވެސް މިއަދު ވެރިކަމަށް ބަލާލަމާތޯއެވެ. މިއަދު ރާއްޖޭގެ ވެރިކަމުގެ ފުރިހަމަ އާރާއި ބާރުގައި އެމްޑީޕީގެ އިސް ބޭފުޅުންނަށްވުރެ މީގެ 8 އަހަރު ކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލި ބޭފުޅުން އެބަ ތިއްބެވެ. ދައުލަތުގެ ބާރުވެރި މަގާމުތަކުގައެވެ. އެމްޑީޕީގެ މެންބަރުން އަބަދުވެސް ދައްކަމުން ދިޔަ ވާހަކައެއް އޮވެއެވެ. އެއީ 7 ފެބްރުއަރީއާ 8 ފެބްރުއަރީގައި ހިނގާދިޔަ ކަންކަން ތަހުގީގު ކުރަން ބޭނުންވާ ވާހަކައެވެ. އޭރު އެމްޑީޕީގެ މެންބަރުންނަށް އަނިޔާކުރި ވަކަވަކި ފުލުހުންގެ މައްސަލަތައް ބަލާ އިންސާފު ހޯދައި ދޭން ބޭނުންވި ވާހަކައެވެ.

ނަމަވެސް އެކަން މިއަދު ކުރަން ތިބި މީހުންނަށް ބަލާލުމުން އެމްޑީޕީގެ މެންބަރުން ކިތަންމެ ބޭނުންވިއަސް އެކަމެއް މިއަދު އަދި ވާކަށް ނެތެވެ. ދާހިލީ ވަޒީރަކަށް ހުންނެވި އިމްރާން އަބްދުﷲ އަކީ ރައީސް މުހައްމަދު ނަޝީދާއި ވައިވެސް އެޅުމަކީ ގޯސް ނުބައި ނުލަފާ ކަމެއް ކަމަށް ބުނެ ރައްޔިތުން ގާތު ވާހަކަދެއްކެވި ބޭފުޅާއެވެ. އެމަނިކުފާނު މިއަދު އެކަންކަން ހަނދާން ނެތްކަމަށް ހެދުނަސް އެމްޑީޕީގެ މެންބަރުން އެދުވަސް ހަނދާން ހުންނާނެއެވެ. މަޖިލީހުގައި އެމަނިކުފާނަށް ދޭނެ ޖަވާބެއް ނޭނގު ނަމަވެސް މިއަދު އިދިކޮޅުގައި ތިއްބެވި އޭރު އެމަނިކުފާނާއި އެކު މަސައްކަތް ކުރެއްވި ބޭފުޅުންގެ އަތުގައި އެ ޖަވާބުތައް އެބަހުއްޓެވެ.

ކުރެވުނު ކަމެއް ކުރެވުނީއޭ ހިތާ މައާފު ދޭނެ މީހުންވެސް ތިބެއެވެ. އެފަދަ މީހުން މައާފު ދެނީ އެފަދަ ކުށެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށެވެ. ނަމަވެސް އިއްޔެ ފެނިގެން ދިޔަ މަންޒަރަކީ މިފަދަ ބޭފުޅުންނަށް މައާފަކީ "ހައްގު" އެއްޗެއް ނޫންކަން ޔަގީންވެގެން ދިޔަ ކަމެކެވެ. އެމްޑީޕީ ކީއްކުރަންތޯއެވެ. މުޅި ދިވެހިރާއްޖޭގެ ޒުވާނެއް ވެއްޖެ ނަމަ އެ ވަޒީރެއް ދެކެ ނަފްރަތުވާ ވަޒީރުންގެ ލިސްޓަށް އެންމެ ފުރަތަމަވެސް އަރާ ވަޒީރަކީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެެވެ. އިންޓަނެޓުގެ އަގު ހެޔޮ ކުރާނެ ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކަމަށްބުނެ ބުނެ ހުދު އެކަމަށްވެސް މަލީހު ދޭނެ ޖަވާބެއް ނެތެވެ.

އެކަމުގެ ރުޅީގައި އެތައް ރައްޔިތުންނެއް ތިއްބާ މަލީހު މިވަނީ އެމްޑީޕީ މީހުންގެ ޖަޒުބާތާ ކުޅެ ލޭ ކައްކުވާލާފައެވެ. އިއްޔެއަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނުތާ 8 އަހަރު ފުރުނު ދުވަހެވެ. މަލީހު ވަނީ އެކަމާ އުފާ ފާޅު ކުރައްވާ ފަދަ މޭރުމަކުން ޝުއޫރު ފާޅުކުރައްވާފައެވެ. އެއްޗެކޭ ނުބުނާން ހުރި މީހާއަށްވެސް މަލީހުގެ މި އަމަލުން ކެތް ނުކެރެވޭނެއެވެ. ހަމަގައިމުވެސް ލިބިގެންދިޔަ އެ އަނިޔާތަކުގެ ޝިކާރައަކަށްވީ އެކަކަށްވެސް މަލީހުގެ އެވާހަކަތައް ހަޖަމެއް ނުކުރެވޭނެއެވެ.

ނަޝީދުގެ ސަރުކާރާ ދެކޮޅަށް އޭރު މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި މަލީހު ވެސް ހިމެނިވަޑައިގެންނެވިއިރު އެމްޑީޕީން ސިފަކުރާ ގޮތުގައި އެ ވެރިކަން ވައްޓާލީ އޭރުގެ އިދިކޮޅު ފަރާތްތަކުން ގެނައި ބަޣާވާތަކުންނެވެ. ފެބްރުއަތީ ހަތެއްގެ ހަނދާންތައް އާކުރައްވަމުން ގައުމީ ސަލާމުގެ ވީޑިއޯ އެކު މަލީހު ކުރައްވާފައިވާ ޓްވީޓެއްްގައި ވިދާޅުވި އިސްލާމްދީނާއި، މި ގައުމުގެ މިނިވަންކަމާއި، ސުލްހަ މަސްލަސްކަމާއި، ހަމަޖެހުމާއި، އަދުލު އިންސާފާ، ރައްޔިތުންގެ ކުރިއެރުމާއި، ފަރުދުންގެ މިނިވަންކަމާއި، ޑިމޮކްރެސީގެ އަސާސްތަކަށް ބުރޫއަރާ ކޮންމެ ފަހަރަކު އެކަން ދިފާއުކުރައްވާނެ ކަމަށެެވެ.

ސުވާލަކީ މިއީ އިންސާފުތޯއެވެ. ފެބްރުއަރީ ހަތެއް ޓީވީން ފެނުނު މީހަކަށްވެސް އެ ދުވަހުގެ ބިރުވެރިކަން އިހުސާސްވާނެއެވެ. ނޫސްވެރިންގެ ހައިސިއްޔަތުން އެފަދަ ދެވަނަ ދުވަހެއް ތަކުރާރުވާކަށް ހުދު އަޅުގަނޑުވެސް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް މިއަދުގެ ހޯމް މިނިސްޓަރަކަށް ހުންނެވި ބޭފުޅާއަށް އެ ދުވަހަކީ "ސުލްހަވެރި ހަރަކާތަކަށް"ވިއެވެ.

"އެ ދުވަހުގެ ވާހަކަތައް މިއަދު ދައްކާ ނަމަ، މަސްލަހަތު ގެއްލޭނެ" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރުގެ އެ ސްޓޭންޑަށް އެ ވަގުތު ރިޔާސަތުގައި އިންނެވި އަދި ހަތެއް ފެބުރުއަރީގެ ބިރާއި ހިތި އެންމެ ބޮޑަށް އިހުސާސްކުރެއްވުނު ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވިސްނުންފުޅު ވަރަށް ބޮޑަށް ތަފާތެވެ. އިމްރާންއަށް ރައްދު ދެއްވައި އެމަނިކުފާނު ވިދާޅުވެފައި ވަނީ؛ "7 ފެބުރުއަރީގައި ފުލުހުންނާއި ސިފައިން ދެއްކި ނުކިޔަމަންތެރިކަން ބަލައި ފިޔަވަޅު އަޅަން ޖެހޭ" ކަމަށެވެ.

ފެބްރުއަރީ 7 ގައި ހިނގި ކަންކަމަކީ ސަލާމަތީ ބާރުތަކުގެ ނުކިޔަމަންތެރިކަން ދެއްކުމެއް ކަމަށް ރައީސް މުހައްމަދު ނަޝީދު އަބަދުވެސް ސިފަކުރައްވަ އެވެ. އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަން ފާހަގަ ކުރައްވައި އެކަންކަން ތަހުގީގު ކުރުމަށް އެމަނިކުފާނު އަބަދުވެސް ބާރުއަޅުއްވައެވެ. އެ ދުވަހާއި ޖެހިގެން އައި ފެބްރުއަރީ 8 ވެސް އެމްޑީޕީން ސިފަ ކުރަނީ މިފަދައިންނެވެ.

ކޮންމެއަކަސް މިއީ އިންސާފެއް ނޫނެވެ. 8 އަހަރު މަގުމަތީގައި އުޅުނީ ކޮން ބައެއް ހެއްޔެވެ. އެމްޑީޕީއެވެ. ކަރުނަ ގޭސްތަކުގެ އަސަރު އެންމެ ގިނައިން ކުރީ ކޮން ބަޔަކަށް ހެއްޔެވެ. އެމްޑީޕީއަށެވެ. ދަގަނޑު މުގުރުތަކުގައި ހުރި ވަރު އެނގެނީ ކޮން ބަޔަކަށް ހެއްޔެވެ. އެމްޑީޕީއަަށެވެ. މިހާރުގެ ހޯމް މިނިސްޓަރު އިމްރާނަށް މަލީހަށް އަދި އެމްޑީޕީގެ ސްލޮޓެއްގައި ހުރި އެއްވެސް ވަޒީރަކަށް މިއިން އެއްވެސް ކަމެއްގައި ހުރި ވަރެއް ނޭނގޭނެއެވެ. ހުދު ޖަލު ގޮޅިތަކުގެ ހާލަތުވެސް ނޭނގޭނެކަން ސޯޝަލް މީޑިއާގައި ދައުރުވި ސެލްފީއިން އެނގިގެން ދާނެއެވެ. އެކަމަކުވެސް މިއަދު އާރާއި ބާރުގައި ތިއްބެވީވެސް މިވެރިންނެވެ. އޭރުވެސް މިވެރިންނެވެ. މިއީ އިންސާފެއް ނޫނެވެ.