Last Updated: April 20, 18:41
Saturday, April 20, 2024
ދުނިޔެ ކޮރޯނާ ވައިރަސް

ކޮރޯނާ ވައިރަސް: 91 އަހަރުގެ މީހަކު ބަލިން މުޅިން ފަސޭހަވެއްޖެ!

ޗައިނާގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި އުމުރުން 91 އަހަރުގެ މީހަކު ބަލިން ސަލާމަތްވެ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ޗައިނާ ޑެއިލީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަލިން މުޅިން ފަސޭހަވެފައިވަނީ ހުބޭ ޕްރޮވިންސަށް ނިސްބަތްވާ 91 އަހަރުގެ މީހެކެވެ. ވޭންގު ނަމަކަށް ކިޔާ މި މީހާއަށް ފަރުވާ ދީފައިވަނީ "ދަ ތަރޑް ޕީޕަލްސް ހޮސްޕިޓަލް އޮފް ޔީޗަންގ"ގައެވެ.

ވޭންގު ފުރަތަމަ ހޮސްޕިޓަލަށް ގެންދެވުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ބަލީގެ އަލާމާތް ފެނިގެންނެވެ. އަދި އޭނާއަށް ފަރުވާ ދެމުން ގޮސް 15 ދުވަހުގެ ތެރޭގައި ބަލިން މުޅިން ފަސޭހަ ކުރެވިފައިވާ ކަމަށް ހޮސްޕިޓަލުގެ އޮފިޝަލުންނާއި ހަވާލާދީ ޗައިނާ ޑެއިލީގައި ރިޕޯޓުކޮށްފައިވެއެވެ.

އުމުރުން މިހާ ދުވަސްވީ މީހަކު ބަލިން ފަސޭހަ ވުމާއި ގުޅިގެން މި ބަލީގެ ފަރުވާ ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ވަނީ ބޮޑު ހިތްވަރެެއް ލިބިގެން ގޮސްފައެވެ.

މި ބަލީގައި މިހާތަނަށް 724 މީހުން މަރުވެފައިވާ އިރު ބަލި ޖެހިފައިތިބި މީހުންގެ އަދަދު 34,889އަށް އަރައެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން މުޅި ޗައިނާގެ އިގްތިސާދު ވަޅު ޖެހިފައިވާ އިރު އެގައުމަށް ދަތުރުކުރުންވެސް ބައެއް ގައުމު ތަކުން ވަނީ މަނާކޮށްފައެވެ. އަދި ޗައިނާ މީހުންނަށް ބައެެއް ގައުމުތަކުން ވަނީ އޮން އެރައިވަލް ވިސާ ކެންސަލްކޮށްފައެވެ.

މި ބަލީގެ ފަރުވާ ހޯދުމަށް ސައިންސްވެރިން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ އިރު އެންމެ ބޮޑު ކަންބޮޑުވުމަކީ މި ބަލީގެ މައުލޫމާތު ޗައިނާ ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކާއި ހިއްސާ ކުރި ޑޮކްޓަރު ބަލީގައި މަރުވުމެވެ. އަދިވެސް ބައެއް ސިއްހީ އޮފިޝަލުންނަށް ބަލީގެ އަސަރުކޮށްފައިވާކަމަށްވެސް މީޑިއާ ރިޕޯޓުތައްވެއެވެ.