Last Updated: April 19, 13:47
Friday, April 19, 2024
ދުނިޔެ ކޮރޯނާ ވައިރަސް

ސާސް އަށް ވުރެ ކޮރޯނާ ވައިރަސްގައި މަރުވި މީހުން އިތުރުވެއްޖެ

2003 ވަނަ އަހަރު ފެތުރުނު ނުރައްކާތެރި ރޯގާ ކަމަށްވާ ސާސްގައި މަރުވި މީހުންނަށް ވުރެ، މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގައި މަރުވި މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

ކޮރޯނާ ވައިރަސްއެކޭ އެއްގޮތަށް ޗައިނާ އިން ފެތުރެން ފެށި ސާސް ރޯގާގައި މުޅި ދުނިޔެ އިން ވަނީ 774 މީހުން މަރުވެފައެވެ. އަދި އެ ބަލި 8،096 މީހުންނަށް ޖެހިފައިވެއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮރޯނާ ވައިރަސްގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 805 އަށް އަރާފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް ޗައިނާގެ ހުބެއި ޕްރޮވިންސުން މި ބަލީގައި 81 މީހުން މަރުވެފައިވެއެވެ. ހުބެއި ޕްރޮވިންސަކީ މި ބަލި އެންމެ ބޮޑަށް ފެތުރެމުން އަންނަ ސިޓީ އެވެ.

މި ބަލި ޖެހިފައިވާ މީހުންގެ އަދަދު 35،000 އަށް ވުރެ މައްޗަށް މިހާރު އަރާފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މިހާރު ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީން ކަމަށްވީ ނަމަވެސް މި ބަލި ޖެހިފައިވާ މީހުންތައް ޗައިނާގެ އެހެން ސިޓީތަކުންނާއި އަދި ބައެއް އެހެން ގައުމުތަކުން ވެސް މިހާރު އަންނަނީ ފެންނަމުންނެވެ. އަދި ޗައިނާ އަށް ދަތުރުކޮށްފައިނުވާ މީހުންނަށް ވެސް މި ބަލި ޖެހެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.