Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ފަހު ވަގުތު ވެރޯނާ އަތުން ޔުވެންޓަސް ބަލިވެއްޖެ

އިޓާލިއަން ލީގުގައި ރޭ ހެލަސް ވެރޯނާ އަތުން 2-1 އިން ޔުވެންޓަސް ބަލިވެއްޖެ އެވެ.

މި ނަތީޖާއާއެކު ވެސް 54 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި އޮތީ ޔުވެންޓަސް އެވެ. ނަމަވެސް ލީގުގައި މިރޭ ކުޅޭ މެޗުން އިންޓަ މިލާން މޮޅުވެއްޖެނަމަ ޔުވެންޓަސްއާ އަރާ ހަމަކުރެވޭނެއެވެ. ލީގުގެ ދެވަނައިގައި އިންޓަ އޮތީ 51 ޕޮއިންޓާ އެކުއެވެ. ރޭގެ މެޗުން މޮޅުވި ވެރޯނާ އޮތީ 34 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ.

ވެރޯނާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މެޗުގެ 65 ވަނަ މިނެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް ލީޑު ނަގާދީފައެވެ. މި ގޯލާއެކު ރޮނާލްޑޯ ވަނީ ލީގުގައި އެންމެފަހުން ކުޅުނު 10 މެޗުގައި ވެސް ގޯލު ކާމިޔާބުކޮށްފައެވެ.

ނަމަވެސް އޭގެ 11 މިނެޓްފަހުން ފަބިއޯ ބޮރީނީ ވަނީ ވެރޯނާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުން ވެރޯނާ މޮޅުވި ގޯލު މެޗުގެ 86 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އުމުރުން 35 އަހަރުގެ ފޯވާޑް ޖިއަމްޕައޮލޯ ޕަޒީނީ އެވެ.

މިއީ ލީގުގައި ޔުވެންޓަސް ބަލިވި ތިންވަނަ މެޗު ކަމަށްވާއިރު، ދެވަނައިގައި އޮތް އިންޓަ އިން ޔުވެންޓަސްއާ އަރާ ހަމަކުރުމަށް މިރޭ ނިކުންނާނީ ވާދަވެރި އޭސީ މިލާންއާ ދެކޮޅަށެވެ.

މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12:45 ގައެވެ.