މިދިޔަ ބުރާސްފަތި ދުވަހު މާފުށީގައި ފަތުރުވެރިއަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރީ ގޯސްކޮށް ނޫން ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވާތީ، ރައީސް މުހައްމަދު ނަޝީދު އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ނިވާކަންކުޑަކޮށް ހުރި ޓޫރިސްޓަކު ހައްޔަރު ކުރުމުގައި، ފުލުހުން އަމަލު ކުރީ އެހާ ގޯސްކޮށް ކަމަށް ދެންނެވޭކަށް ނެތް ކަމަށެވެ. ނަމަވެސް އެފަދަ ހާލަތެއްގައިވެސް އެއަށްވުރެ ރަނގަޅަށް އެކަން ފުލުހުންނަށް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، ފަތުރުވެރިޔާ މެދު އަމަލު ކުރި ގޮތުން ފާޑުކިޔުން އަމާޒު ވި ނަމަވެސް އެ ސީންނަށް އެޓެންޑް ނުވެ ދޫކޮށްލި ނަމަވެސް ފާޑުކިޔުން އަމާޒުވާނެ ކަމަށެވެ. ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި އެ އަށް ވުރެ ވެސް ރަނގަޅަށް އަމަލު ކުރެވޭނެ ކަން ސީޕީއެކޭ އެއް ގޮތަށް މިނިސްޓަރު ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
އެކަމާ ކަންބޮޑުވުންފާޅު ކުރައްވާ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނުންގެ ގަޔަށް ބޮލަށް ފިރިހެނުން އެރުމަކީ ރާއްޖޭގެ ނަން ކިލަނބުވެ ފަތުރުވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ފުލުހުން އެކަމުގައި އަމަލުކުރީ ގޯސްކޮށް ނޫން ކަމަށް އިމްރާން ވިދާޅުވުމަކީ ކަންބޮޑުވުމާ ކަމެއް ކަމަށެވެ.
މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާއިރު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުން އެކަމުގައި އަމަލުކުރި ގޮތުން މައާފަށް އެދިވަޑައިގެންފައެވެ.