Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ ކޮރޯނާ ވައިރަސް

ކޮރޯނާ ވައިރަސް: މަރުވި މީހުންގެ އަދަދު 910 އަށް

ޗައިނާގެ ވޫހާން ސިޓީން އުފަންވި ކޮރޯނާ ވައިރަސްގައި މަރުވި މީހުންގެ އަދަދު 910 އަށް އަަރައިފި އެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނި ވެސް ވަނީ ޗައިނާގެ ހުބެއި ޕްރޮވިންސުން ބަލީގައި 91 މީހަކު މަރުވެ އިތުރު 2،618 މީހުންނަށް މި ބަލި ޖެހިފައެވެ. ހުބެއި ޕްރޮވިންސަކީ މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ސިޓީ އެވެ.

މި އަދަދުތަކާއެކު މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 910 އަށް އަރާފައެވެ. މި ބަލީގައި ދެ މީހުން ފިޔަވައި ދެން އެންމެން ވެސް މަރުވެފައިވަނީ ޗައިނާ އިންނެވެ. އަދި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 40،000 އަށް ވުރެ މައްޗަށް އަރާފައެވެ.

ކޮންމެެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި މަރުވާ މީހުންނާއި އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އިއުލާންކޮށްފައެވެ.

މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީން ކަމަށްވީ ނަމަވެސް މި ބަލި ޖެހިފައިވާ މީހުންތައް ޗައިނާގެ އެހެން ސިޓީތަކުންނާއި އަދި ބައެއް އެހެން ގައުމުތަކުން ވެސް މިހާރު އަންނަނީ ފެންނަމުންނެވެ. އަދި ޗައިނާ އަށް ދަތުރުކޮށްފައިނުވާ މީހުންނަށް ވެސް މި ބަލި ޖެހެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.