ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ އޭދަފުށި ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ކަމަށް މިއަދުގެ މަޖިލިސް ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރައްވައިފިއެވެ.
މައިނޯރިޓީ ލީޑަރުގެ މަގާމު ސަލީމަށް ނުވަތަ އިދިކޮޅު ޕީޕީއެމްއަށް ލިބިގެން ދިޔައީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ޕީޕީއެމްއަށް ސޮއިކުރެއްވުމާއި ގުޅިގެންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ޑިމޮކްރަސީއެއްގެ އެންމެ ރީތި ސިފައަކީ މައިނޯރިޓީއަށް އިހުތިރާމް ކުރުން ކަމަށާއި މައިނޯރިޓީގެ ލަފައާ އެކުގައި ކަންކަން ނިންމުން ކަމަށެވެ. އޭނާ ވިދާޅުވީ އިދިކޮޅު ނުވަތަ މައިނޯރިޓީގެ އަޑު ކަނޑުވާލަން މަސައްކަތް ކުރާ ނަމަ ގައުމަށް އެކަމުން ލިބިގެންދާނެ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކަށް ސަލީމް ވެވަޑައިގަތުމާ އެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި މަހުގެ 3 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބުދެއްވުމަށް ސަލީމަށް ދަންނަވައިފައެވެ.