Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ފަތުރުވެރިޔާ ހައްޔަރުކުރި މައްސަލާގައި ނަޝީދު މައާފަށް އެދިއްޖެ

ކ. މާފުށީގައި ބިކިނީލައިގެން ހުއްޓާ ފުލުހުން ހައްޔަރުކުރި އަންހެން ފަތުރުވެރިޔާގެ ކިބައިން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މައާފަށް އެދިވަޑައިގެންފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވަނީ އިނގިރޭސި ބަހުން ވާހަކަދައްކަވާ އެ ހާދިސާގައި ކަން ހިނގާދިޔަ ގޮތުން މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. ނަޝީދު ވަނީ އޭނާ އަލުން އަނބުރާ ރާއްޖެ އައުމަށް އެމަނިކުފާނާއި ޓޫރިޒަމް މިނިސްޓްރީން ދައުވަތު އަރުވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެކަން ހިނގައި ދިޔަ ގޮތް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތަފްސީލް ކޮށްދެއްވާފައިވާ ކަމަށެވެ. 

ރައީސް ނަޝީދު މިފަދައިން މިއަދު ވިދާޅުވެފައިވާއިރު ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރީ ގޯސްކޮށް ނޫން ކަަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން އެކަމާއި ނަޝީދު ވަނީ އިއްޔެ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. އަދި ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ މާފުށީގައި ފަތުރުވެރިއަކު ހައްޔަރު ކުރީ ގޯހުން ނޫން ކަމަށް ދެކެވުމަކީ ކަންބޮޑުވުމެއް ކަމަށާއި ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރުމާއި އަންހެނެއްގެ ގަޔަށް، ބޮލަށް ފިރިހެން ފުލުހަކު އެރުން ފަދަ ކަންކަމަކީ ރާއްޖޭގެ ރީތި ނަން ހަރާބުވެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ގެއްލުންވާ ކަމެއް ކަމަށެވެ. 

މި މައްސަލައާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނީ އެކަމުގައި ފަތުރުވެރިޔާއާ އާއްމުންގެ ފަރާތުން މައާފަށް އެދިފައެވެ. އަދި ފުލުހުން އެ ފަތުރުވެރިޔާ ހައްޔަރުކުރި މައްސަލާގައި ފުލުހުން އަމަލުކުރި ގޮތް އަންނަނީ ތަހުގީގުވެސް ކުރަމުންނެވެ.