ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން 3135 މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ތައްޔާރުކުރި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ގުޅޭ ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓުން ހާމަވެއްޖެއެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ 15 އަހަރުދުވަހުގެ ތެރޭގައި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ޖުމުލަ 3135 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. މީގެ ތެރެއިން ޝަރީއަތަށް ފޮނުވާފައި ވަނީ 1058 މައްސަލަ އެވެ. ޝަރީއަތަށް ފޮނުވި މައްސަލަތުގެ ތެރެއިން ކުށް ސާބިތުވެފައި ވަނީ %36.41 އިންސައްތަ މީހުންގެ މައްޗަށް ކަމަށް މި ރިޕޯޓުގައި ވެއެވެ. އަދި %45.35 އިންސައްތަ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ރިޕޯޓުގައި ވެއެވެ.
ފާއިތުވި 15 އަހަަރު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން %70.46 މައްސަލައިގެ ތަހުގީގު ނިންމުމަށް އެއް އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަވެފައިވާ ކަމަށް މި ރިޕޯޓުގައިވެއެވެ. ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަހުގީގީ މުއްދަތު ދިގުކަމަށް މި ރިޕޯޓުގައިވެއެވެ. މިހާ ދިގު މުއްދަތެއް ނެގުމަކީ ކުދިންނަށް އިންސާފު ލިބުމަށް އެޅޭ ހުރަހެއް ކަމަށާއި، ތަހުގީގީ މުއްދަތު ދިގުލައިގެން ދިއުމަކީ ކުއްޖާ އިތުރު ނުރައްކަލަކަށް ހުށަހެޅިގެން ދިއުމަށް ދެވޭ ފުރުސަތެއް ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ޖެންޑާ ކޮމެޓީން ދިރާސާ ކުރުމުގެ މަސައްކަތްތަކެއް ކުރަމުން މިދަނީ ދާދިފަހުން ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އެކުއްޖާ އިތުބާރު ހިފޭ މަގާމުގައި ތިބި ކުއްޖާގެ ކާފައާ މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވުމުންނެވެ. އެ މައްސަލާގައި ކުއްޖާގެ ބައްޕަ ވެސް ވަނީ އިހުމާލުވުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައެވެ. އޭގެފަހުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އެތަކެއް މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ.