Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

ސާވިސް ދޭން މަޖުބޫރުކޮށް ގާނޫނު އިސްލާހު ކުރަނީ

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ -- ފޮޓޯ / މަޖިލިސް

ވަޒީފާ އަދާކުރާ ފަރާތްތަކަށް ސާވިސް ޗާޖް ދޭން މަޖުބޫރުވާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި އެ އިސްލާހުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައިވާ ގޮތުން ވަޒީފާ ދޭ ފަރާތަަށް ހިދުމަތް ލިބިގަންނަ ފަރާތްތަކުން އެއްވެސް ސާވިސް ޗާޖެއް ނަގާނަމަ ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާ ވަޒީފާދޭ ފަރާތުގެ ހުރިހާ ހުރިހާ މުވައްޒަފުންގެ މެދުގައި ބަހަން ޖެހޭނެއެވެ.

ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާ މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ބަހަން ޖެހޭނެކަމަށް ބިލުގައި ވަނީ ބުނެފައިވާއިރު ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން ބަހާ ނިންމަން ޖެހޭނެ ކަމަށްވެސް ބިލުގައިވެއެވެ. ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެ މަތިން ސާވިސް ޗާޖު ބެހުމުގައި ވަޒީފާ ދޭ ފަރާތުގެ ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތައް އިސްތިސްނާ ކުރެވިދާނެއެެ.

ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާ ދޭ ފަރާތަށް ކޮންމެ މަހަކު ލިބުނު ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން އިދާރީ ފީގެ ގޮތުގައި އެއް ޕަސެންޓް ނެގިދާނެ ކަމަށާއި އަދި އެއްވެސް ހާލެއްގައި އެއަށްވުރެ އިތުރު އަދަދެއް ވަޒީފާ ދޭ ފަރާތުން ނަގައިގެން ނުވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ސާވިސް ޗާޖު ދިން ގޮތުގެ މައުލޫމާތު ވަޒީފާ ދޭ ފަރާތުން ގަވައިދުން ބަލަހައްޓަން ޖެހޭއިރު ކޮންމެ އަހަރަކު އެއް ފަހަރު އެ މައުލޫމާތު ލޭބާ ރިލޭޝަން އޮތޯރިޓީއަށް ފޮނުވަން ޖެހޭނެއެވެ. އަދި އެ ނޫން ހާލަތެއްގައިވެސް ލޭބަ ރިލޭޝަން އޮތޯރިޓީއިން އެ މައުލޫމާތު ބަލަން ބޭނުންވެއްޖެނަމަ އެ މައުލޫމާތު ފޯރުކޮށްދެން ޖެހޭނެ ކަމަށް ބިލުގައިވެއެވެ.