Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ޖެނުއަރީ މަސް ނިމުނު އިރުވެސް ސްޓޫޑެންޓް ލޯނު އިއުލާން ނުކުރެވޭ!

Photo: Ahmed Nishaath / Mihaaru

ރާއްޖޭގެ ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލުކުރުމަށް ސަރުކާރުން ދޫކުރާ ލޯނު މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އިއުލާނު ކުރެވިގެން ދާނެކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ޑރ. އިބްރާހިމް ހަސަން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޖެނުއަރީ މަސް ނިމި، ފެބްރުއަރީގެ މެދަކާއި ގާތްވެފައިވާއިރު، އަދިވެސް މި ލޯނު މިނިސްޓްރީއިން އިއުލާނު ކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ އިބްރާހިމް އާއި ހަވާލާދީ މިނިސްޓްރީ އިން "އައްޑޫލައިވް"އަށް މައުލޫމާތު ދީފައިވަނީ ބޮޑެތި ހެޔޮ ބަދަލުތަކާ، ގިނަ ފުރުސަތުތަކާއެކު މި ހަފްތާ ތެރޭގައި ލޯނަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. ނަމަވެސް ލޯނަށް ކުރިމަތި ލުމަށް ފުރުސަތު ހުޅުވާލުން ލަސްވުމަށް ދިމާވި ސަބަބެއް މިނިސްޓްރީ އިން ސާފުކޮށްދީފައިނުވެއެވެ.

ކޮންމެ އަހަރަކުވެސް ސަރުކާރުން ހުޅުވާލާ މި ލޯނު ކުރިން ހުޅުވާލާފައިވަނީ ޑިޕަރޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށުންނެވެ. ނަމަވެސް މި ސަރުކާރާއެކު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އުފެދުމާއެކު މި ލޯނާއެކު މަތީ ތަޢުލީމުގެ ކަންކަން ވަނީ މިނިސްޓްރީގެ ދަށަށް ބަދަލުކުރެވިފައެވެ.

މި ލޯނަކީ ކޮންމެ އަހަރަކު އެތައް ސަތޭކަ ދަރިވަރުން ކުރިމަތިލާ ލޯނެކެވެ. އެގޮތުން މިދިޔަ އަހަރުގެ ލޯނަށްވެސް 1000 އާއި ގާތް ކުރާ އަދަދަކަށް ދަރިވަރުން ވަނީ ކުރިމަތިލާފައެވެ.