Last Updated: March 19, 12:43
Tuesday, March 19, 2024
ޚަބަރު

ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖް ކަނޑައަޅަނީ

ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖްް ކަނޑައަޅައި އިއުލާން ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިމަމް ވޭޖު ކަނޑައަޅާނެ ގޮތަކާއި، މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާނެ އަދަދެއް ނިންމުމަށްފަހު މި ހިނގާ ފެބްރުއަރީ މަސް ނިމުމުގެ ކުރިން އިއުލާނުކުރާނެ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިނިމަމް ވޭޖް އިއުލާނު ކުރުމަކީ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ކުރާ ކަމެއް ނޫން ކަމަށާއި، މިނިމަމް ވޭޖް އިއުލާނު ކުރައްވާނީ ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮތް ގޮތުގެ މަތިން ކަމަށެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް މިހާރު ހުށަހަޅާފައެވެ. މިނިމަމް ވޭޖާ ގުޅިގެން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި ބުނާ ގޮތުން ގާނޫނު ތަސްދީގުވާތާ ތިރީސް ދުވަސް ތެރޭގައި މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑެއް އުފައްދަން ޖެހެއެވެ. އަދި އެ ބޯޑުން ހަތް ދާއިރާއަކަށް ވަކިވަކިން ރިއާޔަތްކޮށް، މިނިމަމް ވޭޖު ކަނޑައެޅުމަށް މިނިސްޓަރަށް ލަފާ ދޭންޖެހެއެވެ.

އެ ދާއިރާތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ކޮންސްޓްރަކްޝަން ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، ސިއްހީ ހިދުމަތުގެ ދާއިރާ، ތައުލީމީ ހިދުމަތުގެ ދާއިރާ އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދާއިރާއެވެ.

ބިލުގައި ބުނެފައިވަނީ ކޮންމެ ދެ އަހަރަކުން އެންމެ ކުޑަމިނުން ދެވޭ އުޖޫރަ މުރާޖާ ކުރަން ޖެހޭނެ ކަމަށެވެ. އަދި ބަދަލެއް ގެންނަން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑަށް ފެންނަ ނަމަ ބޯޑުން މިނިސްޓަރަށް ލަފާ އަރުވަން ޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.