Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ރަށްރަށުގެ ފްލެޓުތައް މާލެ ރައްޔިތުންނަށް ހަމަޖެއްސުމަށް ނަޝީދު ގޮވާލައިފި

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ / މަޖިލިސް

ރާއްޖެތެރޭގެ ރަށްރަށުގެ ފްލެޓްތައް މާލޭގެ ރައްޔިތުންނަށް ދެވޭނެ ގޮތެއް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދް ގޮވާލައިފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހެ މިއަދުގެ ޖަލްސާގައި، ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް މަރުހަލާގެ ތެރެއިން ރިޔާސަތުން ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދް ވިދާޅުވީ، ރަށްރަށުގައި ފްލެޓްތަކުން މާލޭގެ ރައްޔިތުންނަށް ފްލެޓް ދެވޭނެ އުސޫލެއް ހަމަޖެއްސުމުން މާލޭ ރައްޔިތުން ވެސް ރަށްރަށުގައި ވަޒަންވެރިވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މާލޭ ސަރަހައްދުގައި އަޅާ ފްލެޓްތަކުން އަތޮޅުތަކުގެ ރައްޔިތުންނަށް ފުރުސަތު ދޭ ކަމަށެވެ. ނަމަވެސް، ރަށްރަށުގައި އަޅާ ފްލެޓްތަކުން މާލޭގެ ރައްޔިތުންނަށް ފްލެޓް ދިނުމަށް ރަށްރަށަށް ނިސްބަތްވާ މެންބަރުން ރުހޭނެތޯ ނަޝީދު ސުވާލު އުފެއްދެވިއެވެ.

އަދި އެކަމަށް ރުހޭ ނަމަ މާލޭގެ ރައްޔިތުން ރަށްރަށަށް ގޮސް ވަޒަންވެރި ނުވާންވީ ސަބަބެއް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު މާލޭގެ ރައްޔިތުންނަށް ބިން ނުލިބުމުގެ މައްސަލަ، ފަލަސްތީނު ރައްޔިތުންގެ ބިންތައް އެހެން ބަޔަކު ފޭރިގެންފައިވާ ފަދަ މައްސަލައެއްގެ ގޮތުގައި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސެއިން) ސިފަކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.