ރަންބީރު ކަޕޫރާ އެކު އިމްތިއާޒް އަލީގެ "ރޮކް ސްޓާ" އިން ބޮލީވުޑަށް ތައާރަފްވި ނަރުގިސް ފަހުރީ އޭނާގެ ދެވަނަ ފިލްމް "މެޑްރާސް ކެފޭ" ގައި އަދާ ކުރާ ރޯލުން އެންމެން ހައިރާންކޮށްލާނެ ކަމަށް އެ ފިލްމްގެ ޑައިރެކްޓަރު ޝުޖިތު ސިރްކާރު ބުނެފި އެވެ.
މިދިޔަ އަހަރުގެ އެންމެ ކާމިޔާބް އެއް ފިލްމް ކަމަށްވާ "ވިކީ ޑޯނާ" ގެ ޑައިރެކްޓަރުގެ އާ ފިލްމްގައި ނަރުގިސް ކުޅޭނީ ނޫސްވެރިއެއްގެ ރޯލް ކަމަށް ޝުޖިތު ބުންޏެވެ.
ކުރިން "ޖަފްނާ" ގެ ނަން ދީފައިވާ "މެޑްރާސް ކެފޭ" ގައި ނަގުރިސް އާ އެކު ފެނިގެން ދާނީ އެ ފިލްމްގެ ޕްރޮޑިއުސަރު ޖޯން އަބްރަހަމް އެވެ.
ފިލްމްގެ ސްޓޯރީ ލައިނާ ބެހޭ ގޮތުން އަދި ވާހަކަ ދައްކާކަށް ޝުޖިތު ބޭނުމެއް ނޫނެވެ. އޭނާ ބުނިހާ ވެސް އެއްޗަކީ ނަރުގިސް އާއި ޖޯންގެ ކެމިސްޓްރީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް ގަބޫލް ކުރެވޭ ކަމަށެވެ. އަދި ނަރުގިސް އަދާ ކުރާ ރޯލަކީ އޭގެ ސަބަބުން ބެލުންތެރިންނަށް ބޮޑު ހައިރާންކަމެއް ގެނެސް ދޭނެ ރޯލެއް ކަމަށް ވެސް ޝުޖިތު ބުންޏެވެ.
މި ފިލްމްގެ މުހިއްމު ރޯލަކަށް އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީގެ ސްޕަސްޓާ މޯހަން ލާލް ގެނެވޭތޯ ވެސް މިހާރު އަންނަނީ މަސައްކަތް ކުރެވެމުން ކަމަށް ޝުޖިތު ބުންޏެވެ. "މެޑްރާސް" ކެފޭ ފުރަތަމަ ޝޫޓިން ޝެޑިއުލް ސައުތު އިންޑިއާގައި ދާދި ފަހުން ވަނީ ނިންމައިފަ އެވެ. އަދި ފިލްމުގެ ބާކީ ހުރި މަންޒަރުތައް މާޗް މަހުގެ ތެރޭގަައި މުމްބާއީ އާއި ސައުތު އިންޑިއާގެ އިތުރުން ބޭރު ގަައުމެއްގައި ނަގާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި "މެޑްރާސް ކެފޭ" ގެ މަންޒަރުތައް ނެގުމަށް ހަމަޖެހިިވާ ގައުމަކީ ސްރީ ލަންކާ އެވެ.