(ޖުލައި 19، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
އެހެނަސް ދަރިފުޅަށް ބަލައިލާ ކޮންމެ ފަހަރަކު އަހަރެންގެ ދެ ލޮލުގެ އެސްފިޔަތައް ބާރަށް ތެޅެން ފަށަ އެވެ. އެއީ ހަމަ ޝާހިދުގެ ދެ ލޮލެވެ. އެ މޫނެވެ. އެ ތުންފަތެވެ. އެ ރީތި ހިނިތުންވުމެވެ. ހަމަ ޝާހިދު ކަހަލަ ވަރުގަދަ ހަށިގަނޑެެކެވެ.
އަހަރެންގެ މިންނެެއް މަސައްކަތުން އަމިއްލަ ދިރިއުޅިން އުޖާލާވަމުން ދިޔަ އެވެ. ހަތް އަަހަރު ފާއިތުވެގެން ދިޔަ އިރު އަހަންނަކީ އެއްވެސް އެއްޗެއް އުނިވެފައި ނެތް މީހެއް ކަމުގެ އިހުސާސް ކުރެވެން ފެށި އެވެ.
އުފަލުގައި ހިތްހަމަޖެހުމާ އެކު އަހަރެން ދަރިފުޅާ އެކު ވަގުތުތައް ހޭދަ ކުރަމުން ދިޔައީ ޝާހިދުގެ ކުޑަވެސް ހަނދާނަކާ ނުލަ އެވެ. ދަރިފުޅަށް ބައްޕައެއްގެ ލޯބި އިހުސާސް ވެސް ނުކުރެވޭ ވަރަށް އަހަރެން ދަރިފުޅަށް ލޯބި ދިނީމެވެ.
ސްކޫލްގެ އާންޓީން ބުނާ ގޮތުގައި އަހަރެންގެ ދަރިފުޅު ޝަޔާންއަކީ ވަރަށް ހިތްއަލި، މޮޅު ކުއްޖެކެވެ. އެކަން އަހަރެން ވެސް ގަބޫލް ކުރަމެވެ. އާއެކެވެ. ކުލާހުން މަތީ ވަނަތައް ދަރިފުޅު ހޯދަމުން ދިޔައީ ގަބޫލް ވެސް ނުކުރެވޭހާ ރަނގަޅަށެވެ. އެހާ ތަނުން އަހަރެން ދަރިފުޅަށް އިތުރަށް ހިތްވަރު ދޭން ފެށީމެވެ. އެގޮތުގައި ކުރިއަށް ދިއުމަށް ނަސޭހަތް ދެމުންނެވެ.
ކަންތައް ދިޔައީ ކުރިން ވެސް އަހަރެން އަޒުމް ކަނޑައެޅި ގޮތަށެވެ. އަހަންނަށް ބައެއް ފަހަރު އުފަލުން ރޮވެ އެވެ. ދަރިފުޅު ހޯދަމުން ދިޔަ ކާމިޔާބީއަށްޓަކައި ފަހުރުވެރިވީމެވެ.
މީހުންގެ ތައުރީފްގެ ބަސްތައް އަހަންނަށް ލިބެމުން ދިޔަ އެވެ. ސްކޫލްތަކުގެ މެދުގައި ބޭއްވޭ ޤުރުއާން މުބާރާތްތަކާއި އަދަބީ މުބާރާތްތަކާއި އަދި މި ނޫން ވެސް އެކިއެކި ހަރަކާތްތަކުން ދަރިފުޅު ދަރިފުޅު ދިޔައީ ކާާމިޔާބީތައް ހާސިލް ކުރަމުންމެވެ. އެވަރު އަހަންނަށް ފުދެ އެވެ.
އަހަރެން އޮށޯތީމެވެ. ވިސްނީމެވެ. ޝާހިދުގެ ފަރާތުން ލިބުނު ހިތްދަތި ކަމުގެ ބަދަލު މިއަދު އަހަންނަށް ކިތަންމެ ފޮނިކޮށް ވެސް ލިބިއްޖެ އެވެ. އިތުރަށް އަހަރެން އޭނާގެ ފަރާތުން އެދޭނެ އެއްޗެެއް، ބޭނުން ވާނެ އެއްޗެއް ނެތެވެ. ފިރިއެއްގެ ލޯބިން މަހުރޫމްވި ނަމަވެސް މިއަދު އަހަންނަށް ލިމެބުން ދަނީ ދަރި ކުލުނެވެ. އެއީ މަތިވެރި ލޯތްބެކެވެ. އެ ލޯބިން އަހަރެން ފެންވަރަމުން ދިޔައީމެވެ.
ލިބުނު ހިތްހަމަޖެހުމާ އެކުގަ އެވެ. މިއަދު އަހަރެންގެ ހިތްދަތި މާޒީ ހަނދާނުން ފޮހެވެމުން ދާން ފެށި ކަހަލަ އެވެ. މިއަދު އަހަރެން މިއީ ދުނިޔޭގައި ހުރި އެންމެ އުފާވެރި، އެންމެ ފަހުރުވެރި މަގާމުގައި ހުރި އަންހެނެއް، މަންމައެއް ކަމުގެ އިހުސާސް ކުރެވެ އެވެ.
މިއަދު އަހަރެންގެ ހަޔާތަށް ލިބެމުން ދަނީ އެ ދުވަހު ހިތްވަރުކޮށްފައި ދިއްލި "އުށްބައްތީ" ގެ ހުޅުކޮޅު ކެތްތެރިކަމާ އެކު ނުލައި ބަލަމުން ރައްކާތެރި ކުރުމުން ލިބޭނެ އަލިކަމެވެ. ނޫރެވެ.
އަހަރެންގެ ދަރިފުޅަކީ މިހާރު ގައުމަށް ހިދުމަތް ކުރަމުންދާ އެހެން މީހުންގެ މުސްތަގްބަލް އަލިކޮށް ދެމުންދާ "އުށްބައްތި" އެވެ. އެ އުށްބައްތީގެ އަލި މިއަދު އެންމެ މީހަކު ފިޔަވައި ނުލިބުނު ނަމަވެސް އެއީ އަހަރެންގެ ހަޔާތް އުޖާލާކޮށް ދިން އަލިގަދަ "އުށްބައްތި" އެވެ.
އުމުރުން 22 އަހަރުގެ ޝާހިދުގެ ހިޔަނި ފަދަ ޝަޔާން މަންމަ އޭ ކިޔާފައި ގޮވާލި އެވެ. ލޮލުން ފޭދުނު ކަރުނަ ފޮހެމުން އަހަރެން ދަރިފުޅުގެ ގައިގައި ބައްދާލީމެވެ.
(ނިމުނީ)