Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

ޓީއެމްއޭއަށް ލަފާ ދޭ ކުންފުނީގައި ޝައުނާގެ މަސްލަހަތު އޮންނާތީ ފާޑުކިޔަނީ!

ޝައުނާ -- ފޮޓޯ / ރައީސް

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް ޕަބްލިކް ރިލޭޝަންސް (ޕީއާރް) ލަފާދޭ ކުންފުންޏަކީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާއާ އޭނާގެ ފިރިކަލުންގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޝައުނާއަށް ފާޑުކިޔުންތައް އަމާޒުވާން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން އަންނަނީ މިކަމާ ގުޅުން ހުރި ލިޔެކުންތައް ހިއްސާ ކުރަމުންނެވެ. ޝައުނާގެ މަސްލަހަތު އޮންނަ ކުންފުނި އެޓޯލް ކޮމިއުނިކޭޝަންސް އިން އަންނަނީ 2016ވަނަ އަހަރުން ފެށިގެން ޓީއެމްއޭއަށް ޕީއާރް ލަފާ ދެމުންނެވެ. އެ ކުންފުނީގެ ޕާޓްނަރުންގެ ގޮތުގައި ޝައުނާއާ ޝައުނާގެ ފިރިކަލުން މުހައްމަދު ތޯރިގު ހާމިދު ހިމެނެއެވެ. މިހާރުވެސް ތޯރިގުގެ 50 ޕަސެންޓު ހިއްސާ އެކުންފުނީގައި އޮވެއެވެ.

ނަމަވެސް ޝައުނާ ވަނީ އޭނާގެ ހިއްސާ އެ ކުންފުނީގައި އޮންނަ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވައިފައެވެ. ޝައުނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ހިއްސާއެއް އެ ކުންފުނީގައި ނޯންނާނެ ކަމަށެވެ. ނަމަވެސް ޝައުނާގެ އެ ވާހަކަރައް ސޯޝަލް މީޑިއާގައި މި ވާހަކަތައް ދައްކާ ފަރާތްތަކުން އަންނަނީ ދޮގު ކުރަމުންނެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ޝައުނާގެ ނަން އޮތްކަން އެ ފަރާތްތަކުން ވަނީ ޝައުނާއަށް ދައްކާފައެވެ.

ޝައުނާ އާއި ތޯރިގުގެ އިތުރުން އެޓޯލް ކޮމިޔުނިކޭޝަންސްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި އިރު އެމަނިކުފާނުގެ ޕީއާރުގެ ބައި އަދާކުރި އިނގިރޭސި ވިލާތުގެ ޕޯލް ރޮބަޓްސް ހިމެނޭ ކަމަށް ވެސް، ބައެއް މީހުން ގެންދަނީ މައުލޫމާތު ފަތުރަމުންނެވެ. އެޓޯލް ކޮމިޔުނިކޭޝަންސްގެ ޑޮމެއިން ނަގާފައި ވަނީ ރޮބަޓްސްގެ ނަމުގައި ކަމަށްވެސް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

https://twitter.com/Dfhlvn/status/1228388394532626432?s=20

ޝައުނާގެ އިތުރުން މި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނާއި ޓީއެމްއޭއާ ގުޅުން އޮންނަ ކަމަށް ސޯޝަލް މީޑިއާގައި އަންނަނީ ބުނަމުންނެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިކަމުގެ ތެރެއަށް ވަނުމުންވެސް އެތައް ބަޔަކު ފާޑުކިޔުންތައް އަމާޒުކުރިއެވެ. ނަމަވެސް ރައީސް ނަޝިދު އިއްޔެ ވިދާޅުވެފައި ވަނީ ޓީއެމްއޭއާ އެމަނިކުފާނާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.