Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ޓީއެމްއޭއަށް ގާނޫނީ ލަފާދެއްވުމުގައި ކުރީގެ މެމްބަރު ނަޝީދު!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރަމުން އަންނަ އައު ސީ ޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ކުއްޔަށް ދިނުމާ ގުޅޭ މައްސަލާގައި ޓީއެމްއޭއަށް ގާނޫނީ ލަފާ ދެއްވުމުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކުއްޓި ނަޝީދު) މަސައްކަތް ކުރައްވަމުން ގެންދަވާކަން އެނގިއްޖެއެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ ނަޝީދު މި މައްސަލާގައި ޓީއެމްއޭ އަށް ގާނޫނީ ލަފާ ދެއްވުމުގައި ހަރަކާތްތެރިވާއިރު އޭނާ ވަނީ މީގެކުރިން ވެސް މިފަދަ މައްސަލަތަކުގައި މަސައްކަތް ކުރައްވާފައެވެ.

ސީ ޕްލޭން ޓާމިނަލުން ސަރުކާރުން ޓީއެމްއޭއަށް 5000 އަކަމީޓަރުގެ ޖާގައެއް 10.35 ޑޮލަރަށް ދެ އަހަރު ދުވަހުގެ މުައްދަތައް ދިނުމަށް ނިންމާފައިވާއިރު މިއީ އެންމެ ރަނގަޅު ގޮތްކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވެސް ވިދާޅުވެފައެވެ. ޒިޔަތު ވިދާޅުވީ އޮޑިޓް އޮފީހުން ބެލި ބެލުމުގައި އެންމެ ފައިދާ ހުރި ގޮތަކީ 5000 އަކަ މީޓަރުގެ ޖާގަ ދިނުމެވެ. އަދި މިއީ ޓީއެމްއޭއަށްވެސް ގެއްލުން ނުވާނެ ގޮތެއް ކަމަށެވެ.

ނަމަވެސް ޓީއެމްއޭއިން ބުނަމުން އަންނަނީ އެކުންފުންޏަށް 19000 އަކަ މީޓަރުގެ ޖާގަ ދޭނެކަމަށް ބުނެ އެމްއޭސީއެލްއިން ސިޓީއެއްް ފޮނުވާފައިވާ ކަމަށެވެ. އަދި އެސިޓީއަކީ އެގްރިމެންޓެއް ކަމަށް ދެކޭ ކަމުގައި ޓީއެމްއޭއިން ވަނީ ބުނެފައެވެ.

ދައުލަތުން ބޮޑު ހޭދައެއްކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް މިހާރު އެމްއޭސީއެލްއިން ނިންމާފައިވާގޮތަށް ޓީއެމްއޭއަށް ދީފިނަ ދައުލަތަށް އަހަރަކު 848 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބޭނެއެވެ. އަދި މިއީ ރައްޔިތުންނަށް ލިބިގެންދާ ބޮޑު ގެއްލުމެއް ކަމަށް އޭސީސީން ވެސް ވަނީ ބުނެފައެވެ.