Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ލީގު ހޯދަން ލިވަޕޫލަށް މިހާރު ބޭނުންވަނީ ފަސް މޮޅު!

ނޯވިޗް ސިޓީގެ މައްޗަށް 1-0 އިން ކުރި ހޯދައި އިނގިރޭސި ޕްރިމިއާ ލީގުގެ ހޯދުމާ ގާތަށް ލިވަޕޫލުން ޖެހިލައިފިއެވެ.

ލީގުގެ އެއްވަނައިގައި ލިވަޕޫލް މިހާރު އޮތީ 76 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 51 ޕޮއިންޓާ އެކު މެންޗެސްޓަރ ސިޓީ އޮތްއިރު ތިންވަނައިގައި 50 ޕޮއިންޓާ އެކު އޮތީ ލެސްޓަ ސިޓީއެވެ.

މި މޮޅާއެކު ލީގުގައި ކުރިއަށް އޮތް 12 މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެގެން ލިވަޕޫލަށް ލީގު ކަށަވަރު ކުރެވޭނެއެވެ. މިއީ ލިވަޕޫލްގެ ތާރީހުގައި އެ ކްލަބަށް ލިބިގެންދާނެ ފުރަތަމަ ޕްރިމިއާ ލީގުގެ ތަށްޓެވެ.

ނޯވިވްގެ ދަނޑުގައި ރޭ ކުޅުނުު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ލިވަޕޫލަށް މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ސަޑިއޯ މާނޭއެވެ. އަދި ލީޑު ފުޅާކޮށްލަން މުޅިން ހުސް ފުރުސަތެއް އެޓީމުގެ ފޯވާޑް ރޮބާޓޯ ފަމީނޯ އަށް ލިބި ބޭކާރުވެފައި ވެސް ވެއެވެ.

ރޭގެ މޮޅާއެކު ލިވަޕޫލުން މިހާރު ވަނީ ލީގުގައި ޖެހިޖެހިގެން 17 މޮޅު ހަމަކޮށްފައެވެ. ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑު މިވަގުތު އޮތީ މެންޗެސްޓަރ ސިޓީގެ އަތުގައެވެ. އެއީ 18 މޮޅެވެ.

ލީގު ކަށަވަރުކުރަން ލިވަޕޫލަށް ދެން ބޭނުންވަނީ ފަސް މޮޅު ކަމަށްވާއިރު، އެޓީމުން ކުރިއަށް އޮތް ފަސް މެޗުގައި ބައްދަލުކުރާނީ ވެސްޓްހަމް އާއި ވޮޓްފޯޑް އާއި ބޯންމަތް އާއި އެވަޓަންގެ އިތުރުން ކްރިސްޓަލް ޕެލެސްއާއެވެ. މި ފަސް މެޗުން މޮޅުވެއްޖެނަމަ އަންނަ މަހުގެ ތެރޭގައި ލިވަޕޫލަށް ލީގު ކަށަވަރު ކުރެވޭނެއެވެ.

25 ޕޮއިންޓުގެ ލީޑަކާއެކު ލިވަޕޫލް އެއްވަނައިގައި އޮތްއިރު އެޓީމު އަދި މިހާތަނަށް ލީގުގައި މެޗަކުން ބަލިވެފައެއް ނުވެއެވެ. އެޓީމު އެއްވަރުވެފައިވަނީ ވެސް އެންމެ މެޗަކުންނެވެ.