Last Updated: April 26, 06:56
Friday, April 26, 2024
ކުޅިވަރު

ގެޓާފޭ އަތުން ބާސާ އަށް އުނދަގޫ މޮޅެއް

ސްޕެނިޝް ލީގުގައި ރޭ އުނދަގޫތަކަކަށްފަހު ބާސެލޯނާ އިން ގެޓާފޭގެ މައްޗަށް 2-1 އިން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ބާސާ މިހާރު އޮތީ 52 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ. ބާސާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް 52 ޕޮއިންޓު ލިބިފައިވާއިރު އެޓީމަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ގެޓާފޭ އޮތީ 42 ޕޮއިންޓާ އެކު ތިންވަނައިގައެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގެ 33 ވަނަ މިނެޓްގައި މެސީ ދިން ޕާހަކުން އެންޓޮއިން ގްރިޒްމަން ވަނީ ބާސާ އަށް ލީޑު ނަގާދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ސާޖިއޯ ރޮބާޓޯ ވަނީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

މެޗުގެ 66 ވަނަ މިނެޓްގައި އެންހެލް ރޮޑްރިގޭޒް ގެޓާފޭ އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދިންއިރު ނަތީޖާ އެއްވަރުކޮށްލަން ވެސް އޭނާ އަށް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް އެންހެލް ފޮނުވާލި އެ ހަމަލާ ބާސާގެ ކީޕަރު ސްޓޭގަން ވަނީ ދިފާއުކޮށްފައެވެ.

މި މޮޅާއެކު އެއްވަނައިގައި އޮތް ރެއާލްއާ ބާސާ އިން އަރާ ހަމަކުރިއިރު، ރެއާލް އިން ލީޑު ފުޅާކުރުމަށް މިރޭ ނިކުންނާނީ ސެލްޓަވީގޯއާ ދެކޮޅަށެވެ.