ރޭ މާލޭގައި ހިނގި އެކްސިޑެންޓަކީ ގަސްތުގައި ބަޔަކު މީހުން ކުރުވި އެކްސިޑެންޓެއް ކަމުގެ މައުލޫމާތު "އައްޑޫލައިވް"އަށް ލިބިއްޖެއެވެ.
ރޭގެ އެކްސިޑެންޓާއި ގުޅޭ މައުލޫމާތު ހުރި މީހަކު "އައްޑޫލައިވް"އަށް ކިޔައިދިން ގޮތުގައި ރޭ ހިނގި އެކްސިޑެންޓަކީ ގަސްތުގައި ބަޔަކު މީހުން ރާވައިގެން ކުރުވި ކަމެކެވެ. އަދި އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވި ކަމަށާއި އޭގެތެރޭގައި އަންހެނަކުވެސް ހިމެނޭ ކަމަށް ބުނެ އޭނާ ބުނީ އެ އަންހެން މީހާއަކީ މަރުވި މީހާގެ ކުރީގެ ލޯބިވެރިޔާ ކަމަށެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ އެކްސިޑެންޓު ކޮށްލީ ލޯބީގެ މައްސަލައެއްގައި ކަމަށް އެމީހާ ބުންޏެވެ.
އެކްސިޑެންޓު ހިނގާފައިވަނީ ރޭ 10:32 ހާއިރު ބުރުޒު "ޕީޓްރަލް" ސަރަހައްދުން ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައެވެ. މި ހާދިސާގައި މަރުވެފައިވަނީ 26 އަހަރުގެ މުހައްމަދު މިދުހަތު ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ މަރުވެފައިވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ރޭ 1:45 އެހާކަށްހާއިރުއެވެ.
އެކްސިޑެންޓުވި އަނެއް ސައިކަލުގައި ތިބީ 31 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި އަންހެނެކެވެ. މި ދެމީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިގެން އަންނަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނީ އެކްސިޑެންޓުވި ދެ ސައިކަލު ދުއްވަން ތިބި ދެމީހުން އަތުގައި ވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް ކަމަށެވެ. އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ވެފައިވާއިރު، ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.