Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

އަލީ ވަހީދުގެ ހަޑިހުތުރު އޯޑިއޯ!

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު، ފޮޓޯ: މިހާރު

"ބޫން ބޫން" ލާފައި ރެއިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަނީ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ބައެއް ކެބިނެޓު މިނިސްޓަރުންނަށް އަމާޒުކޮށް ހަޑިހުތުރު ބަހުން އެއްޗެހި ގޮވާފައިވާ އޯޑިއޯތަކެވެ.

އަލީ ވަހީދު އާއި އޭނާގެ އެކުވެރިންތަކަކާއި އެކު ތިބެ ބައެއްް ވަޒީރުންނަށް ނިސްބަތްކޮށް ހުތުރު އެއްްޗެހި ގޮވައި ވާހަކަ ދައްކާފައިވާއިރު އަނެއްކާވެސް ސޯޝަލް މީޑިއާގައި އަލީ ވަހީދުގެ އިސްތިއުފާގެ އަޑު މިވަނީ ގަދަވެފައެވެ.

ޓްވިޓާގައި ލީކްސްއެމްވީ ނަމުގައި ރޭ ފުރަތަމަ އާއްމުކުރި އޯޑިއޯގައި އަލީ ވަހީދުގެ ބަހުގެ ހަމަލާ އަމާޒުވެފައިވަނީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީނަށެވެ. އަމީނަކީ އެއްވެސް ކަމެއް ކުރެވޭ މީހެއްް ނޫން ކަމަށާއި، ހަމައެކަނި ކުރެވޭ ކަމަކީ ހެދިކާ ކެއުންކަމަށް އަލީ ވަޙީދު ވަނީ ވިދާޅުވެފައެވެ. އަދި އަމީނަކީ އަބަދުވެސް ދެ ފޮޓޯގްރާފަރުން ފަހަތަށްލައިގެން ޓްވީޓާގައި އުޅޭ މީހެއްކަމަށް ވިދާޅުވެ ހަޑިހުތުރު ބަސްތައް ވަނީ ވިދާޅުވެފައެވެ.

މި އޯޑިއޯއަށްފަހު ދެން ލީކުކޮށްލީ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީއަށް އަމާޒުކޮށް އަލީވަހީދު ވާހަކަދައްކަވާފައިވާ އޯޑިއޯއެކެވެ. އެއޯޑިއޯގައި އަލީ ވަހީދު ވާހަކަ ދައްކަނީ ކުޑަކުދިން ކުޅިވަރު ކުޅޭ އުސޫލާއި ގުޅޭގޮތުން މިނިސްޓްރީން ގެންގުޅޭ އުސޫލާއި ބެހޭގޮތުންނެވެ.

އޭގެ ފަހުން ތިންވަނައަށް ލީކުކޮށްލި އޯޑިއޯގައި ވަނީ ޖުމްހުރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ އަނބިކަބަލުން ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާއަށް ފޯނުން ގުޅުއްވުމަށްފަހު، ފޯނު ބޭއްވުމަށްފަހު ދައްކަވާ ހަނޑި ވާހަކަތަކެކެވެ.

މި ތިން އޯޑިއޯ އާއި ގުޅޭ ގޮތުން ރޭ އަލީ ވަހީދު ވަނީ ޓްވީޓު ކުރައްވާފައެވެ. އަލީ ވަހީދު ވިދާޅުވީ ދައުރުވަމުންދާ އޯޑިއޯ ތަކަކީ ސައްހަ އެއްޗެއް ނޫންކަމަށާއި، އެއީ އަބުރު ކަތިލަމަށް ހިންގާ ޖަރީމާތަކަކުން އަޒުމެއް ނުގުޑާނެ ކަމަށެވެ. އިތުރު މާބޮޑު ވާހަކައެއް އަލީ ވަހީދު ނުދައްކަވައެވެ.

އަލީ ވަހީދުގެ އޯޑިއޯތަކެއް ކަމަށް ބުނާ ތިން އޯޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު ޓޫރިޒަމް މިނިސްޓްރީއަށް މައުލޫމާތު ހޯދުމަށް މޯލްޑިވްސް ޓްރޭޑް ޔުނިއަންއިން ހުށަހެޅި ފޯމަށް ޖަވާބު ނުދީ، އިންފޮމޭޝަން ކަމިޝަނުން ބޭއްވި އަޑުއެހުމަށް ހާޒިރު ނުވުމުގެ މައްސަލާގައިވެސް އަލީ ވަހީދަށް ދަނީ ފާޑުކިއުން އަމާޒުވަމުންނެވެ.

މީގެ އިތުރުން ރިސޯޓު މުވައްޒަފުންގެ ސާވިސް ޗާޖާއި ގުޅޭގޮތުން ސާވިސް ޗާޖު ރިސޯޓުތަކުން ދެނީ ރަނގަޅަށްކަމަށް ވިދާޅުވި ވާހަކަތަކަށްވެސް ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ގެންދަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު އަދި މިހާތަނަށް މިކަންކަމާއި ގުޅޭގޮތުން ސަރުކާރުން ވާހަކައެއް ނުދައްކައެވެ. އަލީ ވަހީދުގެ ބަސްމަގާއި، އަމަލުތަކުގެ ސަބަބުން ރައީސް ސޯލިހުގެ ސަރުކާރުގެ އަގުވެއްޓެމުންދާކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.