Last Updated: June 8, 18:49
Monday, June 8, 2026
ޚަބަރު

ރޭ މަރުވި މިދުހަތަކީ މަފާޒު މަރާލި ކަމުގެ ތުހުމަތުގައި ދައުވާކުރި މީހެއް!

ރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި ނިޔާވި މިދިހަތު، ފޮޓޯ: އެމްވީކްރައިސިސް

ރޭ ގަސްތުގައި ބަޔަކު އެކްސިޑެންޓު ކޮށްލުމުން ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވި މުހައްމަދު މިދުހަތަކީ ސ. މަރަދޫ ހުދުހިރި އަހްމަދު މަފާޒު މަރާލުމުގެ ކުރިން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލި މީހެއްކަން އެނގިއްޖެއެވެ.

މަފާޒު މަރާލާފައި ވަނީ 2014ވަނަ އަހަރުގެ ތެރޭގައެވެ. މި މައްސަލާގައި ދައުލަތުން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ. ތިން މީހުންނަކީ ރޭ އެކްސިޑެންޓުގައި މަރުވި ހ. ބްލޫބާޑް މުހައްމަދު މިދުހަތު އާއި ހ. އީމާންމަންޒިލް އަހްމަދު ސައީދުގެ އިތުރުން މާލޭ ދަފްތަރު 1475 އަހްމަދު ރިޒާމެވެ.

މި މައްސަލާގައި ތިން މީހުންގެ މައްޗަށްވެސް ދައުލަތުން އުފުލީ ޓެރަރިޒަމްގެ ދައުވާއެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތުމުން މި ތިން މީހުންވެސް މިނިވަންވީއެވެ.

ރޭގެ އެކްސިޑެންޓާއި ގުޅޭ މައުލޫމާތު ހުރި މީހަކު "އައްޑޫލައިވް"އަށް ކިޔައިދިން ގޮތުގައި ރޭ ހިނގި އެކްސިޑެންޓަކީ ގަސްތުގައި ބަޔަކު މީހުން ރާވައިގެން ކުރުވި ކަމެކެވެ. އަދި އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވި ކަމަށާއި އޭގެތެރޭގައި އަންހެނަކުވެސް ހިމެނޭ ކަމަށް ބުނެ އޭނާ ބުނީ އެ އަންހެން މީހާއަކީ މަރުވި މީހާގެ ކުރީގެ ލޯބިވެރިޔާ ކަމަށެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ އެކްސިޑެންޓު ކޮށްލީ ލޯބީގެ މައްސަލައެއްގައި ކަމަށް އެމީހާ ބުންޏެވެ.

އެކްސިޑެންޓު ހިނގާފައިވަނީ ރޭ 10:32 ހާއިރު ބުރުޒު "ޕީޓްރަލް" ސަރަހައްދުން ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައެވެ. މި ހާދިސާގައި މަރުވެފައިވަނީ 26 އަހަރުގެ މުހައްމަދު މިދުހަތު ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ މަރުވެފައިވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ރޭ 1:45 އެހާކަށްހާއިރުއެވެ.

އެކްސިޑެންޓުވި އަނެއް ސައިކަލުގައި ތިބީ 31 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި އަންހެނެކެވެ. މި ދެމީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިގެން އަންނަނީ ފަރުވާދެމުންނެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވި ދެ ސައިކަލު ދުއްވަން ތިބި ދެމީހުން އަތުގައި ވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް ކަމަށެވެ. އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ވެފައިވާއިރު، ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.