ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ މުއްދަތު ނުވަތަ ޕްރޮބޭޝަންގެ މުއްދަތު ހަ މަސްދުވަހަށް އިތުރުކުރަން ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން މުވައްޒަފުން އިތުރަށް ނިކަމެތިވެގެން ދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން އަލީ ހުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރޮބޭޝަންގެ މުއްދަތު ތިން މަހުން ހަ މަހަށް އިތުރުވާ ގޮތައް ގާނޫނަށް ބަދަލު ގެނައުމަކީ މަސައްކަތްތެރީން މިހާރައްވުރެވެސް އިތުރައް ނިކަމެތިވާނެ ކަމެއް ކަމަށެވެ. ބައެއް ތަންތަނުގައި ކެޝުއަލް ސްޓާފުންގެ ގޮތުގައި މިހާރުވެސް 3 މަހަށް ވުރެ ގިނަދުވަސްވަންދެން ދާއިމީ ނުކޮށް މަސައްކަތް ކުރުވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު ބުނެފައިވަނީ ޕްރޮބޭޝަންގެ މުއްދަތުކަމުގައި ތިން މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ ކަމަށެވެ. ނަމަވެސް އެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އެ މުއްދަތު ހަ މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ހެދުމަށް ހުށަހަޅާފައެވެ.
އަދި ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީހާއި، އުޖޫރަ ދެވޭ މިންގަނޑާއި އުޖޫރަ ހިސާބު ކުރެވޭނެ ގޮތާއި، އުޖޫރަ ދިނުމަށް ކަނޑައަޅާ މުއްދަތުތަކާއި، ޗުއްޓީ ލިބޭ ގޮތާއި، މުވައްޒަފުގެ އަހުލާގާއި ގުޅޭ ގޮތުން އޭނާއާ މެދު ފިޔަވަޅު އެޅިދާނެ އުސޫލުތައް ވަޒީފާގެ އެއްބަސްވުމުން އުނިކުރަން ވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.
މީގެއިތުރުން ބަލިވެގެން ސަލާމް ބުނުމުގެ މާއްދާ އަށް ވެސް އިސްލާހުތަކެއް ގެންނަން ވަނީ ހުށަހަޅާފައެވެ.
ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ބަލީގެ ބާވަތާއި އެބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ވަޒީފާ އަށް ނިކުންނަ ދުވަހު ހުށަހެޅުމުން ނޫނީ އެ މުވައްޒަފަކަށް، ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ސަލާމުގެ ޗުއްޓީ ދިނުން ލާޒިމު ވެގެން ނުވެއެވެ.
މި މާއްދާ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ މެޑިކަލް ސެޓްފިކެޓް ވަޒީފާ އަށް ނިކުންނަ ދުވަހު ހުށަހެޅުމުން މެނުވީ، އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން، ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމު ވެގެން ނުވާ ކަމަށެވެ.
މި ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ މެދު އާންމުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ބައެއް ފަރާތްތަކުން ވަނީ އެންމެންގެ ލާބަޔާއި މަންފާއަށް އަދި ވަޒީފާ އަދާކުރާ މީހުންގެ ހައްގުތަށް ކަށަވަރު ކުރެވޭނެ ފަދަ ގޮތަކަށް މިފަދަ އިސްލާހުތަށް ހުށަހެޅުމަށް ގޮވާލާފައެވެ.