Last Updated: July 1, 00:12
Tuesday, June 30, 2026
ރިޕޯޓް

ހުޅުމީދޫ މަގު ބައްތީގެ އަޑެއް ނީވޭ!

ހުޅުމީދޫ ބޮޑު މަގު. ފޮޓޯ: ވިޒިޓް ހުޅުމީދޫ ޕޭޖް

ހުޅުމީދޫގެ މަގު ބައްތި ޖެހުމަށް ތަފާތު ފަހަރު މަތިން ކައުންސިލުން ވާހަކަ ދެއްކެވުމަށްފަހު މިހާރު އަނެއްކާވެސް އެ އަޑު ކެޑިއްޖެއެވެ.

މަގު ބައްތި އާއި ގުޅޭ ގޮތުން މޭއި މަހުގެ ތެރޭގައި ޑެޕިއުޓީ މޭޔަރ ވަނީ ހުޅުމީދޫގެ ރައްޔިތުންނާއި ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ހުޅުދޫ މީހުން ބުނެފައިވަނީ މަގު ބައްތި ޖަހަން ބޭނުމީ މަގުގެ ދެ ފަޅީގައި ކަމަށެވެ. އަދި މީދޫން ބައިވެރި މީހުން ބުނެފައިވަނީ ބައްތި ޖަހަން ބޭނުންވަނީ ކުރިންވެސް ހުރި ގޮތަށް މަގުގެ މެދުގައި ކަމަށެވެ.

މި ބައްދަލު ވުމަށް ފަހު ޝާހިދު ބުނެފައިވަނީ މަގު ބައްތި ޖަހާނީ އެރަށެއްގެ ރައްޔިތުން ބޭނުން ގޮތައް ކަމަށެވެ، އަދި މަސައްކަތް ނުފެށި ލަސްވެގެން އުޅެނީ ސަދަން ޔޫޓިލިޓީ (މިހާރުގެ ފެނަކަ)ގެ އެއްބާރުލުން ނުލިބިގެން ކަމަށެވެ.

17 ވަނަ ސާކް ސަމިޓާއި ދިމާކޮށް ހުޅުމީދޫގައި ޖެހުމަށް ގެނެސްފައިވާ ބައްތި ދަނޑި އާއި ބައްތިތައް ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައި ތިބެ އެކި ބޭނުން ތަކަށް ބޭނުން ކުރަމުން އަންނަކަމަށް ހަބަރު ލިބެއެވެ. އަދި ބައްތި ތައް ޖެހުމަށް އޭރު ފެނަކަ އިން ލިބުނު އަގަށް ބަލާ އިރު 9000 ރުފިޔާ ބައްތި އެއް ޖެހުމަށް ހަރަދު ހިގާކަމަށް ޑެޕިއުޓީ މޭޔަރ އަދި ހުޅުމީދޫ ދާއިރާގެ ކައުންސިލަރު ވަނީ ބުނެފައެވެ.

ހުޅުމީދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެމުން ނުދާއިރު މަގުމަތީ ބައްތިތައް ވެސް ނުޖެހުމާއި ގުޅިގެން އާއްމުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

އާއްމު ރައްޔިތުން ބުނާ ގޮތުން ކައުންސިލުން އެކަމަކަށް އެހާ އިސްކަމެއް ނުދެއެވެ. އަމުދުން ހުޅުމީދޫގެ ކަންކަމުގައި ކައުންސިލުން ފެންނަނީ ފަރުވާ ކުޑަކަމެވެ.

ފޭދޫގެ މަގު ބައްތި ޖެހުމަށް ތިންވަނަ ފަހަރަށް ވަނީ އިއްލާންކޮށްފައެވެ. ފެނަކައިން ހުށަހެޅި އަގު ބޮޑުވެގެން ހުޅުމީދޫގެ މަގު ބައްތި ޖެހުމަށް އާއްމު އިއްލާނެއް ކުރާނެކަމަށް ޝާހިދު ބުނި ފަހުން ތިން މަސްވަނީ އެވެ. އެކަމަކު އިއްލާނެއް ކުރި އަޑު ނީވެއެވެ.

ފެނަކަ ކޯޕަރޭޝަނުގެ ބޭފުޅަކު ވިދާޅުވީ ކައުންސިލުން އެދިގެން އެތައް ފަހަރަކު ބައްތި ޖެހުމަށް ހިނގާނެ ހަރަދު ފޮނުވާފައިވާ ކަމަށެވެ. އެހެންވެ ފެނަކަ އާއި ގުޅިގެން މަސައްކަތް ނުފެށި ނުވާނެ ކަމަށެވެ.

ހުޅުމީދޫގެ ކަންކަން ކައުންސިލުން ނުވެ އޮތުމުގެ ޒިއްމާ ޑެޕިއުޓީ މޭޔަރ ޝާހިދު ނަންގަވަންޖެހެއެވެ. މޭޔަރ ފިޔަވައި ކައުންސިލްގެ ދެވަނަ އަށް އެންމެ އިސްފަރާތެއްގެ ހައިސިއްޔަތުން ހުޅުމީދޫއަށް އަންނަންޖެހޭ ތަރައްޤީ އައުން ލަސްކަމަށް އާއްމު ރައްޔިތުން ގަބޫލް ކުރެއެވެ. ރައްޔިތުން ބޭނުންވަނީ ހުޅުމީދޫގެ މަގު ބައްތި ތައް ވީއެންމެ އަވަހަކަށް ޖެހިގެން ދިއުމެވެ.

މިކަމަށް ބޭނުންވާ އަގު ހޯދައި، ހިތަދޫ ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައި ތިބި ބައްތި ތައް ހުޅުމީދޫއަށް ގެނެސް މަސައްކަތް ފެށުމެވެ.