Last Updated: June 8, 18:49
Monday, June 8, 2026
ޚަބަރު

ޕްރޮބޭޝަނުގެ މުއްދަތާއި ސަލާމަށް ގެންނަ ބަދަލާއި އެކު އާއްމުން ރަތަށް!

އަހުމަދު އީސަ - ފޮޓޯ: މަޖިލިސް

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން ޕްރޮބޭޝަންގެ މުއްދަތަށާއި ސަލާމާއި ޗުއްޓީއަށް ގެންނަ ބަދަލުން އާއްމުން ސޯޝަލް މީޑިއާގައި ފާޑު ކިޔަން ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައި ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ އެވެ. އެ މުއްދަތުގައި ނޯޓިހެއް ދިނުމަކާ ނުލައި ކޮންމެ ފަރާތަކަށް ވެސް ވަޒީފާގެ އެއްބަސްވުން ބާތިލް ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ވަޒީފާ އަދާ ކުރާ މީހުންގެ ސަލާމުގެ މުއްދަތާ ގުޅޭ ގޮތުން ގާނޫނުގައި ބަޔާން ކުރާ މާއްދާއަށް ވެސް އިސްލާހު ހުށަހަޅާފައިވެ އެވެ. އިސްލާހުގައިވާ ގޮތުން ސަލާމުގެ ޗުއްޓީ ނަގާ ކޮންމެ ދުވަހަކަށް މެޑިކަލް ސެޓްފިކެޓްއެއް ހުށަހަޅަން ޖެހެ އެވެ. އެ ނޫން ގޮތަކަށް ސަމާލު ޗުއްޓީއެއް ނުގެނޭ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މީގެ ކުރިން ވަޒީފާގެ ޕްރޮބޭޝަން މުއްދަތަކަށް ކަނޑައަޅާފައި އޮންނަނީ ދިގުވެގެން ތިން މަސް ދުވަހުގެ މުއްދަތެކެވެ. އަދި ސަލާމުގެ ޗުއްޓީ ނެގުމަށް ކުރިން އިންނަނީ ޖެހިޖެހިގެން ދެ ދުވަހަށްވުރެ ގިނަ ދުވަހު ސަލާމް ބުނާނަމަ މެޑިކަލް ސެޓްފިކެޓް ހުށަހަޅާ ގޮތަށެވެ.

މިކަމަށް އެންމެ ފުރަތަމަ ފާޑު ވިދާޅުވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންނެވެ. އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރޮބޭޝަންގެ މުއްދަތު 3 މަހުން 6 މަހަށް އިތުރުވާ ގޮތައް ގާނޫނަށް ބަދަލު ގެނައުމަކީ މަސައްކަތްތެރީން މިހާރައްވުރެވެސް އިތުރައް ނިކަމެތިވާނެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ބައެއް ތަންތަނުގައި ކެޝުއަލް ސްޓާފުންގެ ގޮތުގައި މިހާރުވެސް 3 މަހަށް ވުރެ ގިނަދުވަސްވަންދެން ދާއިމީ ނުކޮށް މަސައްކަތް ކުރުވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ފާޑުކިޔާ ފަރާތްތަކުން ބުނީ އެންމެ ގިނަވެގެންވެސް ޕްރޮބޭޝަން މުއްދަތު އިތުރު ކުރަންޖެހޭނީ ހަތަރު މަހަށް ކަމަށެވެ. އަދި އެއަށްވުރެ މުއްދަތު އިތުރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ސޯޝަލް މީޑިއާގައި މިކަމާއި ދެކޮޅަށް އަޑު އުފުލާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މީގެއިތުރުން ބައެއް މީހުން ބުނާ ގޮތުގައި ތިން މަސް ހަމަވުމުން ވަޒީފާ ދޭ ފަރާތްތަކުން ވަޒީފާ އަދާ ކުރާ ފަރާތް ކަނޑާލާ ކަމަށާއި ކަނޑާނުލާ ފަރާތްތަކުން އިތުރު ތިން މަހު ޕްރޮބޭޝަންގައި ކުޑަ މުސާރައެއް ދިނުމަށްފަހު ބަހައްޓަމުން އަންނަ ކަމަށެވެ. އަދި ޖުމްލަ ހަމަސް އެފަދައިން ގެންގުޅުމަށްފަހު ވަޒީފާ އަދާ ކުރާ ފަރާތް ވަޒީފާއިން ވަކި ކުރާ ކަމަށެވެ.

ބައެއް މީހުން ބުނީ އިސްލާހު އެގޮތަށް ހުށަހަޅާފައި އޮތް "ލޮޖިކު" ނުވިސްނޭ ކަމަށެވެ. އެގޮތުން މި އިސްލާހުގައި އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުން މަނާކުރުމުގެ މާއްދާއަށް އަކުރެއް އިތުރުކޮށް މަގާމު އުވާލާ، ވަޒީފާއިން ވަކިކުރުމުގެ ބާރު ވަޒީފާދޭ ފަރާތަށް ލިބިދީ އަދި ބަދަލު ދިނުން ވެސް ނިންމުމުގެ ބާރު މިނިސްޓަރަށް ލިބިގެންވާ ގޮތަށް ވަނީ ހިމަނާފައެވެ. އެހެންކަމުން ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެއީ އަޅުވެތި ކަމެކެވެ.

ސަލާމުގެ ޗުއްޓީ ނަގާ ކޮންމެ ދުވަހަކަށް މެޑިކަލް ސެޓިފިކެޓް އެއް ހުށައަޅަންޖެހޭ ކަމަށާއި އެނޫން ގޮތަކަށް ސަލާމުގެ ޗުއްޓީއެއް ނުނެގޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައި އޮތުމުންވެސް ބައެއް ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. މިހާރު ގާނޫނުގައި މިކަން އޮންނަނީ  ޖެހިޖެހިގެން 2 ދުވަހަށް ވުރެ ގިނަ ދުވަހު ސަލާމް ބުނެފިނަމަ އެމްސީ ގެންނަން ޖެހޭގޮތަށެވެ.

ގިނަ މީހުން އަންނަނީ "މަގޭ އެމްޕީ" މިފަދައިން ހޭޝްޓެގެއް ބޭނުންކޮށް އެ އިސްލާހަށް ވޯޓު ނުދިނުމަށް ގޮވާލަމުންނެވެ. އަދި އެ އިސްލާހު އެގޮތަށް ފާސްވުމުން ރައްޔިތުންނަށް އިތުރު ނިކަމެތިކަމެއް އަންނާނެ ކަމަށް އަންނަނީ ބުނަމުންނެވެ.