Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރަނީ ބައްސާމް އެކަނި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް - އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންތިޚާބުގައި ވާދަކުރާނީ އެފްއޭއެމްގެ މިހާރުގެ ވެސް ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް މިއަދު ވިދާޅުވީ އެފްއޭއެމް އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލީ ހަމައެކަނި ބައްސާމްގެ ޓީމު ކަމަށާއި އޭނާގެ ކެންޑިޑެންސީ މިހާރު ބަލައިގަނެފައިވާ ކަމަށެވެ.

މި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ ހަތަރަކުން ފެށިގެން އިއްުޔެގެ މެންދުރު 2:00 ގެ ނިޔަލަށެވެ. އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ.

ބައްސާމް ޓީމުގައި ހިމެނޭ މެންބަރުންނަކީ:

ރައީސް:- ބައްސާމް އަދީލް ޖަލީލް

ސީނިއަރ ވައިސް ޕްރެސިޑެންޓް:- އަލީ އުމަރު

ވައިސް ޕްރެސިޑެންޓް:- ހުސެއިން ޝާފިއު

މެންބަރު:- އަހުމަދު ޝަކީބް

މެންބަރު:- މުހައްމަދު ޝިފާއު

މެންބަރު:- މުފާވިޒް ހާފިޒް

މެންބަރު:- އައިމިނަތު ޝާނީޒް

މެންބަރު:- އަހުމަދު ނަޝީދު

މެންބަރު:- މުއާވިޔަތު ޚަލީލް

އެފްއޭއެމްގެ އިންތިހާބަށް އެއް ބޭފުޅަކު ކުރިމަތި ލެއްވުމުން، އިންތިހާބުގައި ކުލަބުތަކުން ވޯޓް ދޭނީ ފެންނަ ނުފެންނަށް ވޯޓަށެވެ. ބައްސާމަށް ވަނީ ފުރަތަމަ ޑިވިޝަންގެ ހަ ކުލަބަކާއި ދެ ވަނަ ޑިވިޝަނެއްގެ ތިން ކުލަބެއްގެ ތާއީދު މިހާރުވެސް ލިބިފައެވެ.