Last Updated: April 20, 07:18
Saturday, April 20, 2024
ކުޅިވަރު

ސެލްޓަވީގޯ އިން ރެއާލް ހިފަހައްޓައިފި

ސްޕެނިޝް ލީގުގައި ރޭ ސެލްޓަވީގޯ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ރެއާލް މިހާރު އޮތީ 53 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 52 ޕޮއިންޓާ އެކު ބާސެލޯނާ އޮތްއިރު ސެލްޓަވީގޯ އޮތީ 21 ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގައެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ހަތްވަނަ މިނެޓްގައި ސޮމޮލޯވް ވަނީ ސެލްޓާ އަށް ލީޑު ނަގާދީފައެވެ. އަދި ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ސެލްޓާގެ ލީޑު ފުޅާކޮށްލަން ވެސް ސޮމޮލޯވް އަށް ރަނގަޅު ފުރުސަތެއް ލިބުނުއިރު އޭނާ ފޮނުވާލި އެ ހަމަލާ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ.

ސެލްޓާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 52 ވަނަ މިނެޓްގައި ޓޯނީ ކްރޫސް ވަނީ ރެއާލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 65 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ސާޖިއޯ ރާމޯސް ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. މި ޕެނަލްޓީ ރެއާލް އަށް ލިބުނީ އެޑެން ހަޒާޑަށް ސެލްޓާގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެންނެވެ.

މި ގޯލަށްފަހު ވެސް އިތުރު ފުރުސަތުތަކެއް ރެއާލް އިން ތަނަވަސްކުރިއިރު، މެޗުގެ 85 ވަނަ މިނެޓްގައި ޑެނިސް ސުއަރޭޒް ދިން ރީތި ޕާހަކުން މީނާ ލޮރެންޒޯ ވަނީ ސެލްޓާ އަށް ނަތީޖާ އެއްވަރުކޮށްދީ މި މެޗުން އެޓީމަށް ޕޮއިންޓެއް ކަށަވަރުކޮށްދީފައެވެ.