Last Updated: April 18, 12:20
Thursday, April 18, 2024
ޚަބަރު

ޓީއެމްއޭ މައްސަލާގައި އޭސީސީން ނެރުނު ރިޕޯޓު ސިއްރު ކަމަށް ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

މައްސަލަ ބޮޑުވެފައިވާ ސީޕްލޭން ޓާމިނަލްގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނެރެފައިވާ ރިޕޯޓަކީ ސިއްރު ރިޕޯޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އޭސީސީން އެކުލަވާލި ރިޕޯޓް ސިއްރު ރިޕޯޓެއްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ލިބިފައިވާ ކަމަށެވެ. އަދި ރިޕޯޓް ކޮމިޓީއަށް ހިއްސާކުރެވިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އެ ސިއްރު ރިޕޯޓު މަޖިލީހުގެ މެންބަރުންނާއިވެސް ހިއްސާކުރަން ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އޮންނަ އެމެރިކާގެ ބެއިން ކެޕިޓަލުން މައުލޫމާތުތަކެއް މަޖިލީހާ ހިއްސާކޮށްފައިވާ ކަމަށެވެ.

ކޮރަޕްޝަނަށް މަގުފަހިވާގޮތައް ސީޕްލޭން ޓާމިނަލް (ޓީއެމްއޭ) ދޭން އުޅުނީ މި ސަރުކާރުން ނޫންކަމަށާއި، ޓާމިނަލް ޓީއެމްއޭއަށް ދޭން އުޅުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށްވެސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް ޔާމީން ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޓީއެމްއޭއަށް 55 މިލިއަން ޑޮލަރުގެ ޓާމިނަލުގެ ކަންކަން ނިންމާފައިވަނިކޮށް، ރައީސް ސޯލިހުގެ ސަރުކާރުން އެކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށާއި ގައުމަށް އެންމެ ލުއިގޮތެއް ހޯދައިދޭން ކަމަށެވެ.

ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމުގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފަށާފައިވާ ކަމަށް އޭސީސީންވަނީ މީގެ ކުރިންވެސް ބުނެފަ އެވެ.