ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް 550 ލޯނުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
އެކަން އިއުލާން ކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު، ޑރ. މުހައްމަދު ހަސަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ލޯނު ދޫކުރުމުގައި ބަލާނީ މާލީ ފުދުންތެރިކަން ކުޑަ ފަރާތްތަކަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ދަރިވަރުންނަށް ލޯނުގެ ފުރުސަތު ފަހިވެގެންދާ ގޮތަށް އުސޫލު ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް ދަރިވަރަކަށް ޝަރުތު ހަމަވާނަމަ ލޯނުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރު ލޯނަށް 550 ފުރުސަތު ހުޅުވާލިއިރު ޑިޕްލޮމާ ލެވެލްއަށް ދީފައިވަނީ 45 ފުރުސަތެވެ. ލައިސަންސް ޕްރޮގްރާމްތަކަށް 30 ފުރުސަތު ދީފައިވާއިރު
ފުރަތަމަ ޑިގްރީއަށް 252 ފުރުސަތު ވަނީ ދީފައެވެ. މާސްޓާސްއަށް 126 ފުރުސަތު ދީފައިވާއިރު ޕީއެޗްޑީއަށް 10 ފުރުސަތު އަދި އިންތިހާބީ ދާއިރާގެ ރައްޔިތުންނަށް 87 ފުރުސަތު ވަނީ ކަނޑައަޅާފައެވެ.
ލޯނަށް އެދުމުގެ ފުރުސަތު އަންނަ މަހު ނުވަ ވަނަ ދުވަހުގެ 1:30 އާ ހަަމައަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.