Last Updated: April 18, 13:36
Thursday, April 18, 2024
ޚަބަރު

އެންމެ އިސް ސިޔާސަތަކީ އަމިއްލަ މިނިވަންކަން ދެމެހެއްޓުން: ރައީސް

ދިވެހި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ އަމިއްލަ މިނިވަންކަން ދެމެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ޤައުމީ ދިފާޢީ ބާރުގެ "ކޮމާންޑަރސް ކޮންފަރެންސް 2020" އިފްތިތާޙުކޮށްދެއްވުމަށް ބަންޑާރަކޮށީގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުންކަމަށާއި، އެކަމުގައި ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޞުލްޙައިގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުން ކަމަށެވެ.

ބައިނަލްއަޤްވާމީ މަޝްރަހުގައި ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވަނީ އެކަމަށް ކުރިމަތިލުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށް، ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަ ކުރައްވާފައެވެ. އެގޮތުންދިވެހި ޢަސްކަރިއްޔާ އިތުރަށް ތަރައްޤީކުރުމަށްޓަކައި، ސިފައިންނަށް ބޭނުންވާނެ ފަންނީ އަދި ޢަސްކަރީ އާލާތްތަކާއި، ވަސީލަތްތަކާއި އުޅަނދުފަހަރު ހޯދުމަށް، ސަރުކާރުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތާ އެންމެ ބޮޑަށް ލާމެހިފައިވާ ބަޔަކީ، އެ ޤައުމެއްގެ ސިފައިންކަމުގައެވެ. އެހެންކަމުން ސިފައިންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަކީ، މެދުކެނޑުމެއް ނެތި އަބަދު ކުރަންޖެހޭ ކަމެއްކަމަށް ފާހަގަކުރައްވާ، އެ މަޤްޞަދުގައި ސިފައިންގެ ހުރިހާ ކޮމާންޑަރުން އެއްތަންކޮށް، މިފަދަ މަހާސިންތާއެއް އިންތިޒާމުކުރެއްވި ކަމަށްޓަކައި އުފާކުރައްވާ ޝުކުރުއަދާކުރެއްވިއެވެ.

މަހާސިންތާގެ ބައިވެރިންގެ ފަރާތުން އެމަނކިކުފާނު ވަނީ މި މަހާސިންތާގައި ހުށަހެޅިގެންދާ ދިރާސާ ކަރުދާސްތަކާ މެދު މަޝްވަރާކުރައްވާއިރު، ޤައުމީ މަޞްލަޙަތުތައް ޙިމާޔަތްކޮށް، ޤައުމީ އެއްބައިވަންތަކަމާއި ޞުލްޙަ މަސަލަސްކަން ނެގެހެއްޓޭނެ ފަދަ ނިންމެވުންތަކަކަށް އަމާޒު ހިފުމަށާއި، ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ކަންތައްތަކަށާއި، ބައިނަލްއަޤްވާމީ މަޝްރަހުގައި ދިމާވާ ނުރައްކާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށައެޅުމަށް އެދިވަޑައިގެންފައެވެ. އަދި ދައުލަތް ހިންގުމުގެ އިދާރީ އޮނިގަނޑުގައި، މިހާރު އަންނަނީ ލާމަރުކަޒީ ކުލަތައް ޖެހެމުންކަމަށާއި، މިމުހިންމު ބަދަލާއެކު، ކޮމާންޑަރުންގެ ވިސްނުންވެސް އެމިސްރާބަށް އަމާޒުކުރުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ދިވެހި ސިފައިން ވަމުންދާ ޤުރުބާނީއަށް، މި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައެވެ. އަދި ސިފައިންގެ ޚިދުމަތަކީ، އިނާމަކުން މުދަލާއި ފައިސާއިން ނުވަތަ ތަޢުރީފުގެ ބަސްތަކަކުން، އޭގެ އަގު ވަޒަންކުރެވޭނެ ކަންކަމެއް ނޫންކަމުގައި ވިދާޅުވެ ސިފައިންވަމުންދާ ޤުރުބާނީއަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.