Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ސޯޝަލް މީޑިޔާގައި އެމްޑީޕީއާ ދެކޮޅު ކެމްޕޭނެއް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް ގޮވާލައި ސޯޝަލް މީޑިޔާގައި ކެމްޕޭނެއް ފަށައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިކެމްޕޭނަކީ ރާއްޖޭގެ ރިސޯޓް އިންޑަސްޓްރީގައި މަސައްކަތްކުރާ ޒުވާނުންތަކެއް އިސް ނަގައިގެން ފަށާފައިވާ ކެމްޕޭނެކެވެ. މިކެމްޕޭނު ފަށަން ޖެހުނީ މިސަރުކާރުން ރިސޯޓު މުވައްޒަފުންނަށް ވި އެތައް ވައުދުތައް ނުފުއްދި ލަސްވާތީއާ، ރިސޯޓު މުވައްޒަފުންނަށް އިތުރު ތަކުލީފުތަކެއް އުފުލަން ޖެހޭ އަމަލުތަކެއް ކުރާތީ ކަމަށް ބައެއް މީހުން ބުނެއެވެ.

އެމްޑީޕީއާ ދެކޮޅަށް ފެށި ކެމްޕޭނުގައި އަންނަ އެޕްރީލް މަހުގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެޕާޓީގެ އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުދިނުމަށް ގޮވާލުމުގެ އިތުރުން މުޅިއެކު ކައުންސިލް އިންތިޚާބު ބޮއިކޮޓް ކުރުމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާއިރު އެޕާޓީގެ މެމްބަރުން މަޖިލީހަށް ހުށައަޅާ ބިލުތަކަކީ ރައްޔިތުންގެ އިހުސާސްތަކާ ނުގުޅޭ، ރައްޔިތުންނަށް ފައިދާއެއް ނުވާ އަދި މުއްސަނދި މަހުޖަނުންނަށް ހުރިހާ މަންފާއެއް ލިބޭ ބިލުތަކެއް ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން އެބަ ގެންދެއެވެ.

މިމައްސަލަ ބޮޑުވެގެން ދިޔައީ ޕްރޮބޭޝަންގެ މުއްދަތު ހަމަސް ދުވަހަށް އިތުރުކުރުމާއެކު ސާވިސް ޗާޖު ލިބުމާއި ސަލާން ބުނުމުގެ އޮނިގަނޑަށް ބަދަލު ގެނެސް މެޑިކަލް ނެތި ސަލާން ވެސް ނުބުނެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ހުށައެޅުމުންނެވެ.

އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ، އާންމުންގެ ނުރުހުން އެކަމަށް އަމާޒުވުމުން އެ ބަދަލު އިސްލާހު ކުރުމަށް ނިންމާފައެވެ.