ގަން އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ގައި ހިމެނޭ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ހިއްސާ ދޫކޮށްލުމަށް އެކުންފުނިން ނިންމައިފިއެވެ.
އެސްޓީއޯއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ 2011 ގައި އުފެއްދި އޭއައިއޭގައި އޮތީ މޫނުމަތީ އަގުގެ 1,000.00ރ. ގެ 40,000.00 އާންމު ހިއްސާ ކަމަށެވެ. އެހެންކަމުން އެސްޓީއޯއިން ނިންމާފައިވަނީ އެކުންފުނީގެ ހިއްސާ މައި ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރުގެ ނަމަށް ބަދަލު ކުރުމަށެވެ.
އެސްޓީއޯއިން ބުނީ ހިއްސާ ބަދަލުކުރަނީ އެ ކުންފުނީގެ ހިސާބުތަކުގައި ހުރި ހިއްސާތައް އަގުކުރެވިފައިވާ އަގަށް ކަމަށެވެ. އޭއައިއޭ އަކީ ސަރުކާރާއި އެސްޓީއޯ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފުގެ ކުންފުނި ކާސާ ހޯލްޑިން ހިއްސާވެގެން އުފެއްދި ކުންފުންޏެކެވެ.
މި ކުންފުނީގައި ދިވެހި ސަރުކާރުގެ ހިއްސާ އޮންނަނީ 50 ޕަސެންޓެވެ. ކާސާ ހޯލްޑިންގްސް އަށް 30 ޕަސެންޓް، އެމްއޭސީއެލަށް 10 ޕަސެންޓް އަދި އެސްޓީއޯ އަށް ވެސް އޮންނަނީ 10 ޕަސެންޓްގެ ހިއްސާ އެކެވެ. އެސްޓީއޯގެ ހިއްސާ ދޫކޮށްލުމުން ސަރުކާރަށް 60 ޕަސެންޓު ލިބޭނެއެވެ.