ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހިމެނިވަޑައިގަންނަވާ "ގައުމައިގެން ކުރިއަށް" ކޯލިޝަނުން އައްޑު އަށް ކުރި ކެމްޕޭން ދަތުރުގައި ހުރަސް އެޅި ކަމަށް ބުނެ އެކަން ޑީއާރުޕީން ކުށްވެރިކޮށްފި އެވެ.
ޑީއާރުޕީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ޑރ. ވަޙީދު އައްޑޫ ސިޓީގެ މަރަދޫފޭދޫގައި އިއްޔެ ހަވީރު ކެމްޕެއިން ކުރައްވަނިކޮށް، އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް އެ މަނިކުފާނަށް ހުރަސްއަޅައި، ހަމަނުޖެހުން ހިންގުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.
އަދި ރައީސް ޑރ. ވަހީދުގެ އަނބިކަނބަލުން އިލްޙާމް ޙުސައިން އާއި ރަނިންމޭޓް އަޙްމަދު ތަސްމީނު ޢަލީގެ އަނބިކަނބަލުން ވިސާމް ޢަލީ މަރަދޫގައި ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް ވެސް އެމްޑީޕީ އަށް ނިސްބަތްވާ ބަޔަކު ހުރަސް އަޅައި، ހުތުރު ބަހުން މުޚާތަބުކޮށް ބިރު ދައްކާފައިވާ ކަމަށް ޑީއާރުޕީގެ ބަޔާނުގައި ވެ އެވެ.
މި އަމަލުތައް ޑީއާރުޕީން ކުށްވެރި ކުރާ ކަމަށާއި މިއީ ޑިމޮކްރަސީ އާ ބީރައްޓެހި ޢަމަލުތަކެއް ކަމަށް ވެސް ޑީއާރުޕީގެ ނޫސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
"އިންތިޚާބުތަކުގައި އެކިއެކި މަގާމްތަކަށް ކުރިމަތިލުމަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ށ)ގެ ދަށުން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ ޙައްގަކަށްވާއިރު، ގާނޫނު އަސާސީގެ ރޫހާ ޚިލާފަށް މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ނުހިންގުމަށް އިލްތިމާސް ކުރަމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.
އަދި މިފަދަ އަމަލުތަކަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ކުރެވޭ މަސައްކަތް ކިލަނބުކޮށް ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެމްބަރުން ކުރަމުންގެންދާ އަމަލުތަކެއް ކަމަށް ވެސް ޑީއާރުޕީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެހެންވެ ފަދަ ފިނޑި ޢަމަލުތައް ވަގުތުން ހުއްޓާލުމަށް ޑީއާރުޕީން ވަނީ އެމްޑީޕީއަށް އިލްތިމާސްކޮށްފަ އެވެ.