މާލޭގެ ހުރިހާ މަގުތަކެއް އަލުން ހެދުމުގެ ބޮޑު މަޝްރޫއެއް ފަށައިފިއެވެ. މި މަޝްރޫއުއަކީ 462 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.
"މާލޭ ސިޓީ ސްޓްރީޓް ކޭޕިން ޕްރޮޖެކްޓް" އިފްތިތާހު ކުރުމަށް ވެސްޓް ޕާކް ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއު ނިމޭއިރު ޒަމާނީ ބައްތިތަކާއެކު ކެމެރާތައް ހަރުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވި އެ މަޝްރޫރުގެ ދަށުން މާލޭގެ މަގުތައް ހަދަމުންދާއިރު، ކޮންސްޓްރަކްޝަން ތަންތަނުން ފެން ބޭރުކުރާ ހޮޅިތައް އެތެރެއަށް ލެވިގެންދާނެ ކަމަށެވެ. އަދި ފެން ހިންދާ ނިޒާމު އިތުރަށް ރަނގަޅުކޮށް ފެންބޮޑުވުމުން ރައްޔިތުންނަށް ދިމާވާ ގެއްލުންތަކުން ސަލާމަތްވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ މާލެއަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ޕާކު ކުރުމުގެ މައްސަލަ ކަމަށާއި މަގުތައް އަލުން ހަދާ ނިމޭއިރުގައި ޕާކު ކުރެވޭ ނިސްބަތް ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި ޕާކިން ބިލްޑިންގު ތަކާއި ސަރަހައްދުތައް ވެސް އެ މަޝްރޫއުއާ އެކުގައި ހެދިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. ހުރިހާ މަގެއްގައިވެސް ޕޭމަންޓް ހިމެނޭނެ ކަމަށާއި، ދުވާރު ނެތް މަގުތަކުގައިވެސް 18 އިންޗީގެ ދުވާރެއް ލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މަގުތައް ފަރުމާ ކުރެވޭނީ މަގު ބައްތިތަކާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަ ގޮތަށް ކަމަށާއި، މުޅި އާ ކެމެރާ ސިސްޓަމެއް މަގުތަކުގަިއ ބެހެއްޓޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މި މަސައްކަތް ނިންމާލުމަށް މާލެސިޓީން ވިސްނާފައި އޮތީ ދެ އަހަރު ދުވަހުންނެވެ. މަސައްކަތް ކުރަނީ އެމްއާރްޑީސީއާ ގުޅިގެންނެވެ.