Last Updated: April 23, 14:49
Tuesday, April 23, 2024
ކުޅިވަރު

ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ރައީސްކަމަށް ކަސިޔަސް ވާދަކުރަނީ

ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ރައީސްކަމަށް ތަޖުރިބާކާރު ގޯލްކީޕަރު އިކާ ކަސިޔަސް ވާދަކުރަން ނިންމައިފިއެވެ.

ކަސިޔަސް މިއަދު ކުރި ޓްވީޓެއްގައި ބުނީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލުމުން އެ މަގާމަށް ވާދަކުރާނެ ކަމަށާއި ސްޕެއިންގެ ފުޓްބޯޅަ އިދާރާ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މިއަހަރު ފަހުކޮޅު އޮންނަ އެ އިންތިހާބުގައި ކަސިޔަސް ވާދަކުރާނީ އެގައުމުގެ ފުޓްބޯޅަ އިދާރާގެ މިހާރުގެ ރައީސް ލުއިސް ރުބިއަލްސްއާ ދެކޮޅަށެވެ.

އިންތިހާބުގައި ވާދަކުރާނެކަން ކަސިޔަސް އިއުލާން ކުރިއިރު އޭނާ އަދި ފުޓްބޯޅަ ކުޅުން ހުއްޓާލާފައެއް ނުވެއެވެ. ކަސިޔަސް ވަނީ އިންތިހާބަށް ކުރިމަތިލާން ނިންމާފައިވާކަން އޭނާ މިހާރު ކުޅެމުން އަންނަ ޕޯޓޯ އަށް ވެސް އަންގާފައެވެ.

މިދިޔަ އަހަރުގެ މޭ މަހު ކަސިޔަސް އަށް ޖެހުނު ހާޓް އެޓޭކަށްފަހު އޭނާ ކުޅުމުގެ ތެރެއަށް އެނބުރި އައިސްފައެއް ނުވެއެވެ. ކުޅުމުގެ ތެރެއަށް އާދެވެންދެން ޕޯޓޯ އިން ވަނީ އެ ކްލަބުގެ ކޯޗިން ސްޓާފުންގެ ޖާގައެއް ކަސިޔަސް އަށް ދީފައެވެ.

އުމުރުން 38 އަހަރުގެ ކަސިޔަސް އޭނާގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކޮށްފައިވަނީ ރެއާލް މެޑްރިޑްގައެވެ. އެގޮތުން އެ ކްލަބަށް 725 މެޗު ކަސިޔަސް ކުޅެދިންއިރު އޭނާ ވަނީ އެ ކްލަބާއެކު ތިން ޗެމްޕިއަންސް ލީގާއި ފަސް ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ.

އަދި ސްޕެއިންގެ ގައުމީ ޓީމާއެކު ކަސިޔަސް ވަނީ ވޯލްޑް ކަޕްގެ އިތުރުން ޖެހިޖެހިގެން ދެ ފަހަރެއްގެ މަތިން ޔޫރޯ ވެސް ކާމިޔާބުކޮށްފައެވެ.