Last Updated: April 26, 10:28
Friday, April 26, 2024
ކުޅިވަރު

ޗެލްސީ ބަލިކޮށް ގަދަ ހަތަރެއްގެ އުއްމީދު ޔުނައިޓެޑުން އާކޮށްފި

2-0 އިން ޗެލްސީ ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ނިންމާލުމުގެ އުއްމީދު މެންޗެސްޓަރ ޔުނައިޓެޑުން އާކޮށްފިއެވެ.

މި މޮޅާއެކު ޔުނައިޓެޑް މިހާރު އޮތީ 38 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގައެވެ. ޗެލްސީ އޮތީ 41 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ.

ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތެއް ޗެލްސީގެ ފޯވާޑް މިޗީ ބަޓްޝުއާއީ އަށް ލިބި ބޭކާރުވެފައިވެއެވެ. އެ ފުރުސަތުތަކުގެ ބޭނުން އޭނާ އަށް ނުހިފުނުއިރު ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ އެންތޮނީ މާޝިއަލް ވަނީ ޔުނައިޓެޑަށް ލީޑު ނަގާދީފައެވެ.

އެއް ގޯޅުގެ ލީޑަކާއެކު ފުރަތަމަ ހާފް ޔުނައިޓެޑުން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ކާޓް ޒޫމާ ވަނީ ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ގޯލު ކެންސަލްކޮށްފައެވެ. އެ ގޯލު ކެންސަލް ކުރަން ނިންމީ ޒޫމާ އެ ގޯލު ކާމިޔާބުކުރުމުގެ ކުރިން ޗެލްސީގެ އަޒްޕެލިކުއެޓާ ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ފައުލްކޮށްފައިވާ ކަމަށް ބުނެއެވެ.

މި މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ދެވަނަ ގޯލު މެޗުގެ 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ހެރީ މެގުއާއެވެ. އަދި މެޗުގެ ފަހު މިނެޓްގައި ލީޑު ފުޅާކޮށްލަން ޔުނައިޓެޑާ ޖެނުއަރީގައި ގުޅުނު ފޯވާޑް އިގާލޯ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ޗެލްސީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ އުއްމީދު ޔުނައިޓެޑުން އާކޮށްފައިވާއިރު، ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނީ ގަދަ ހަތަރެކުން ޖާގަ ހޯދާ ޓީމުތަކަށެވެ.

ލީގުގައި ޗެލްސީ ދެން ނިކުންނާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ. ޔުނައިޓެޑް ބައްދަލުކުރާނީ ވޮޓްފޯޑްއާއެވެ.