Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

މީދޫ ދެ ގެއަކަށް ވަގުންގެ ހަމަލާތަކެއް!

ސ. މީދޫ މަގެއް - ފޮޓޯ/ އަހުމަދު އަޔާޒް

ސ. މީދޫ ދެ ގެއަކަށް ރޭ ވަގުން ވަދެ އެއް ގެއަކުން ރަންތަކެއް ވަގަށް ނަގައިފި އެވެ.

މީދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށު ދާރުއްސަލާމް ގޭގައި ނިދާފައި އޮތް ހަތް އަހަރުގެ އަންހެން ކުއްޖެއްގެ ކަރުގައި އަޅާފައިވާ ރަން ފަށަކާއި އެކުއްޖާގެ ދެއަތުގައި އަޅާފައިވާ ދެރަންފަށް ވަގަށް ނަގާފައިވާ ކަމަށެވެ.

އެ ގެއަށް ވަދެފައި ވަނީ ގޭގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ކޮޓަރީގެ ކުޑަދޮރުގެ ލޫވާ ނައްޓާލުމަށް ފަހު ކުއްޖާ ނިދާއިފައި އޮތް ކޮޓަރިއަށް ވަދެގެން ކަމަށް އެނގިފައިވެ އެވެ. ކުއްޖާގެ ގައިގައި ހުރި ރަން ވަގަށް ގެންގޮސްފައިވާކަން އެގުނީ މިއަދު ހެނދުނު ހޭލެވުމުން ކަމަށް އެ އާއިލާގެ މީހަކު ބުންޏެވެ.

މީގެ އިތުރަށް ރޭ ދެން ވައްކަންކޮށްފައި ވަނީ މީދޫ ސެލީނާ ގެއިންނެވެ. އެގެ އަށް ވެސް ވަގުން ވަދެފައި ވަނީ ގޭގެ ކުޑަދޮރު ހަލާކޮށްލައިގެންނެވެ. ނަމަވެސް އެ ގޭގޭ މީހުންނަށް ހޭލެވުމުގެ ސަބަބުން އެގެއަށް ވަންމީހާ ފިލީ ކަމަށް އެގެން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އެހެންވެ އެ ގެއިން އެއްވެސް އެއްޗެއް ވަގަށް ނެގޭ ގޮތަށް ނުވި އެވެ.

މި ދެ މައްސަލަ ވެސް ހުުޅުމީދޫ ޕޮލިސްސްޓޭޝަނަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އިއްޔެ ހުޅުދޫ އިރުޒުވާމާ ގެއިން ވެސް ގިނަ އަދަދެއްގެ ފައިސާ ވަނީ ވަގަށް ނަގައިފަ އެވެ.

ހުޅުމީދޫގައި އާ އަހަރާ ދިމާކޮށް ކުށްކުރުން އިތުރުވާތީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ.