Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ބިން ނުހިއްކާ ރައްޔިތުންނަށް ދިރިއުޅެވޭނެ ގޮތް ހަދަންޖެހޭ: އަސްލަމް

ޕްލޭނިން މިނިސްޓަރު އަސްލަމް މިއަދުގެ މަޖިލިސް ޖަލްސާގައި -- ފޮޓޯ / މަޖިލިސް

ރާއްޖޭގެ ރަށްތަކުގައި ބިން ކުޑަވުމުގެ ސަބަބުން ބިން ނުހިއްކާ ރައްޔިތުންނަށް ބޯހިޔާވަހިކަން ނުވަތަ ރައްޔިތުން ދިރިއުޅެވޭނެ ގޮތް ހަދަންޖެހޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ ފަޅުމަތީގައި ގޯތި އަޅައިގެން އުޅެން ދަސް ކުރަންޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ބިމުގެ ގޮތުގެ ބަލަން ޖެހޭނީ ފެނުން އެއް މީޓަރު މައްޗަށް އޮންނަ ބައި އެކަނި ނޫން ކަމަށެވެ. ފެނުން އެއް މީޓަރު އަޑިއަށް އޮންނަ ބަޔަކީވެސް ބިން ގޮތުގައި ބަލަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ސަރުކާރުން ދެން އިންފްރާސްޓްރަކްޗާ ގާއިމްކުރާނީ ފަޅުމަތީގައިކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އޭރުން ބިން ނުހިއްކާ ރައްޔިތުންނަށް ދިރިއުޅެވޭނެ ކަމަށެވެ. ދުނިޔޭގެ އެހެން ބައްރުތަކުގެ މީހުން ދިރިއުޅެމުން އަންނަނީ އެފަދަ ތަންތަނުގައި ކަމަށާއި އެމީހުން ދިރިއުޅެން ބޭނުން ވަނީވެސް އެފަދަ ތަންތަނުގައި ކަމަށް މިނިސްޓަރު އަސްލަމް ފާހަގަކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ އެ ވިސްނުމަކީ މިހާރު ގެންގުޅެންވެއްޖެ ވިސްނުމެއް ކަމަށެވެ. އަސްލަމް އެފަދައިން ވާހަކަދައްކަވަމުން ގެންދެވުމުން މަޖިލީހުގެ ރައީށް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ހިޔާތު ކުލަކޮށް ސިފަވާގޮތަށް ކިޔައިދެއްވުމަށެވެ.

އަސްލަމް ވިދާޅުވީ ފަޅުމަތީގައި ހުރިހާ ރަށެއްގައި ގެ އަޅައިގެން ނޫޅެވޭނެ ކަމަށާއި ނަމަވެސް އެކަންވެސް ކުރެވޭނެ ރަށްތައް އެބަހުރި ކަމަށެވެ. އެއް ފަޅެއްގައި ގިނަ ރަށްތަކެއް ބޮޑެތި ފަޅުހުރި ރަށްތައް ރާއްޖޭގައި މަދެއް ނޫންކަން އަސްލަމް ވިދާޅުވިއެވެ.

"ސަރުކާރުން އިންފްރާންސްޓްރަކްޗާގެ ގޮތުގައި ބިނާކޮށްދޭން ޖެހޭނީ މަގުތަކޭ. ފެނާ ނަރުދަމާއެ އަޅާދޭން ޖެހޭނީ. ދެން ހުންނާނީ އެކަން ކުރުމުގައި ހުންނަ ޑިވެލޮޕްމެންޓް ކޮންޓްރޯލް ތަކެކޭ." މިނިސްޓަރު އަސްލަން ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ބިން ހިއްކުމަކީ ކުރުމަށް އެންމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަން ކުރަނީ ކުރަން މަޖުބޫރުވީމަ ކަމަށް އަސްލަމް ވިދާޅުވިއެވެ.