Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

ގާސިމް މަރާލި ކަމަށް އަދުހަމް އިންކާރުކޮށްފި

ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް ކުރިން އިއުތިރާފުވުމަށްފަހު އެކަމަށް ފަހުން ގާސިމްގެ ގާތިލް އަދުހަމް މުހައްމަދު އިންކާރުކޮށްފިއެވެ.

މިއަދު ބޭއްވި އަވަސް ނިޔާ ޝަރީއަތުގައި، ދައުވާ އިތުރަށް ސާފުކުރަން ބޭނުންތޯ މައްސަލަ ބައްލަވާ ގާޒީ ސުވާލު ކުރެއްވުމުން އަދުހަމް ވަނީ ދައުވާ އިތުރަށް ސާފުކޮށްދިނުމަށް އެދިފައެވެ.

ދައުލަތުން އަދުހަމަށް ކުރާ ދައުވާ ސާފުކޮށްދިނުމުން އަދުހަމް ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި ބުނީ އޭނާ އެއްވެސް މީހަކު ގަސްދުގައި މަރާލާފައި ނުވާނެ ކަމަށެވެ. އަދި ގާސިމް ހަސަންގެ މަރަކީ އޭނާ ދެނަހުރި ކަމެއްވެސް ނޫން ކަމަށް އަދުހަމް ބުންޏެވެ. އޭނާ ބުނީ އެންމެ ފުރަތަމަ ބޭއްވި ޝަރީއަތުގައި އޭނާ ދައުވާއަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށްވެސް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ފުލުހުން އޭނާ ކޯޓަށް ހާޒިރުކުރީ މަސްތުވާތަކެތި ދީގެން ކަމަށެވެ. އޭނާ ވަނީ ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. 

އެގޮތުން ފުރަތަމަ އަދުހަމް އަށް ދިން މަސްތުވާތަކެތި ދިނީ އޭނާ ތަނެއްގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ކަމަށާއި ފަހުން ފުލުހުންގެ އަމިއްލަ ހަރަދުގައި މަސްތުވާތަކެތި ގަނެގެން އެ ތަކެތި އޭނާއަށް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ ބުނި ގޮތުގައި އޭނާއަށް ހަމަ ބުއްދި ލިބުނީ މީގެ ހަތަރުވަރަކަށް ދުވަސް ފަހުން ކަމަށެވެ. 

ޝަރީއަތް ނިންމާލުމުގެ ކުރިން ވާހަކަ ދެއްކުމަށް އަދުހަމަށް ދިން ފުރުސަތުގައި އޭނާ ވަނީ މުއްދަތު މަޖިލީހެއްގައި އިންވެސްޓިގޭޓިވް އޮފިސަރަކު، އޭނާ ބަހައްޓަނީ ހާއްސަ އިނާޔަތްތަކަކާއެކު އެކަހެރިކޮށްފައި ކަމަށް ބުނި ހަނދާންވާ ކަމަށް ބުނެފައެވެ. އެގޮތުން އަދުހަމް ބުނީ ހާއްސަ އިނާޔަތުގެ ގޮތުން އޭނާ އެކަހެރިކޮށްފައި ހުރި ގޮޅިއަށް ފުލުހުން މަސްތުވާތަކެއްޗާއި، ސިނގެރޭޓާއި ސުޕާރި ވައްދައިދިން ކަމަށެވެ.

ގާސިމް މަރާލީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު އެވެ. ގާސިމް މަރާލީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ގާސިމް ހަޅޭއްލަވަން ފެށުމުން، އޭނާ ހަޅޭއްލެވުން ނުހުއްޓުވިގެން ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގައާއި ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައިވެސް މީގެ ކުރިން އިއުތިރާފުވެފައިވެއެވެ.