Last Updated: April 26, 20:10
Friday, April 26, 2024
ދުނިޔެ

ކޮވިޑް-19: ޗައިނާގައި ޖަނަވާރުން މާސްކް އަޅުވަން ފަށައިފި

ޗައިނާއިން މުޅި ދުނިޔެއަށް ފެތުރެމުންދާ ފުރާނައަށް ނުރައްކާތެރި، ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހުން ސަލާމަތް ކުރުމަށް އޮޅުކޮށްގެން ގެންގުޅޭ ކުއްތާއާއި ބުޅަލުގައި މާސްކް އަޅުވަން ފަށައިފިއެވެ.

މާސްކް އަޅުވާފައިވާ ބުޅަލާއި ކުއްތާ ޗައިނާގެ ސޯޝަލް މީޑިއާގައި މިހާރު ދަނީ އާއްމުވަމުންނެވެ.

ޗައިނާގެ ސިއްހަތާބެހޭ ކޮމިޝަންގެ ތަރުޖަމާނު ވިދާޅުވިގޮތުގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ބޭރުތެރެއަށް ނެރެގެން އުޅެނިކޮށް ވައިރަސްހުރި މީހަކާ ދިމާވެއްޖެނަމަ ޖަނަވާރަށް ވައިރަސްގެ ނުރައްކަލާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

"ޖަނަވާރުތައް ވެސް ބޭރަށް ދިޔަނުދީ ގޭތެރޭގައި ގެންގުޅެންވީ. އިންސާނުންނެކޭ އެއްގޮތަށް އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތައްވެސް ރައްކާތެރިކޮށް ބަލަހައްޓަންޖެހޭ." އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 1863 އަށް އަރާފައެވެ. އަދި ވައިރެސް ޖެހިފައި 72500 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. ބަލި ޖެހުނު މީހުންގެތެރެއިން 12000 މީހުން ރަނގަޅުވެގެން ވަނީ ހޮސްޕިޓަލްތަކުން ދޫކޮށްލާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އިސްބޭފުޅަކު ވިދާޅުވި ގޮތުގައި އެފްރިކާގެ ފަގީރު ގައުމުތަކަށް ކޮވިޑް-19 ފެތުރެންފަށައިފިނަމަ، ބަލި ކޮންޓްރޯލްކުރަން ވަރަށް ދަތިވާނެއެވެ.