Last Updated: April 18, 20:47
Thursday, April 18, 2024
ޚަބަރު

މިނިމަމް ވޭޖު ރިޕޯޓަށް މަޖިލީހުގެ ހިޔާލު ހޯދަން ފޮނުވައިފި

މަޖިލިސް ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ / މަޖިލިސް

މިނިމަމް ވޭޖް ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓްރީން ދިރާސާކޮށް އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ލަފައެއް ހޯދުމަށް ފޮނުވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމުގައި މަޖިލީހުގެ މެންބަރުންގެ ލަފައެއް ހޯއްދެއްވުމަށް އެދިވަޑައިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެ ރިޕޯޓް މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.

އަދި ވިދާޅުވީ އިންޓަަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުން ދިރާސާކޮށް އިކޮނޮމިކް މިނިސްޓްރީއަށް މިނިމަމް ވޭޖާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ރިޕޯޓާއި، ސްޓޭކް ހޯލްޑަރުންނާ އެކު އެ މިނިސްޓްރީން ބޭއްވި ބައްދަލުވުންތަކުގެ ރިޕޯޓެއް ހިމެނޭ ގޮތެއް ކަރުދާހެއް މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވި އެވެ. އެ ރިޕޯޓް ދިރާސާ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

މީގެކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެފައިވަނީ މިނިމަމް ވޭޖްް ކަނޑައަޅައި އިއުލާނުކުރައްވާނީ މީ މަސް ނިމުމުގެ ކުރިން ކަމަށެވެ. ފައްޔާޒް އިސްމާއިލް ވިދާޅުވީ، މިނިމަމް ވޭޖު ކަނޑައަޅާނެ ގޮތަކާއި، މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާނެ އަދަދެއް ނިންމުމަށްފަހު މިމަސް މަސް ނިމުމުގެ ކުރިން އިއުލާނުކުރާނެ ކަމަށެވެ.

މިނިމަމް ވޭޖް އިއުލާނު ކުރުމަކީ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ކުރާ ކަމެއް ނޫން ކަމަށާއި، މިނިމަމް ވޭޖް އިއުލާނު ކުރައްވާނީ ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮތް ގޮތުގެ މަތިން ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ސިނާއަތްތަކުގެ ތެރޭގައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް، ފަތުރުވެރިކަމުގެ ސިނާއަތް، ކޮންސްޓްރަކްޝަން ސިނާއަތް، ދަތުރުފަތުރުގެ ސިނާއަތް، ސިއްހީ ހިދުމަތުގެ ސިނާއަތް، ތައުލީމީ ހިދުމަތުގެ ސިނާއަތް އަދި ކުދި މެދު ފަންތީގެ ވިޔަފާރީގެ ސިނާއަތް ހިމެނެއެވެ.