Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުމަށް އީވާ ދެކޮޅު ހަދައިފި

އީވާ އަބްދުﷲ - ފޮޓޯ: މަޖިލިސް

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ދަރުސް ދެއްވުމަށް ރާއްޖެ ގެނައުން ރައްޔިތުން މަޖިލީހުގެ ނައިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ދެކޮޅު ހަދައިފިއެވެ.

އިވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޑރ. ބިލާލް ފިލިޕްސްއަކީ ދަރުސް ދެއްވުމަށް އެންމެ އެކަށީގެންވާ ފަރާތް ނޫންކަމަށައި، އެކަން ހަމައެކަނި ގޫގުލްއިން ބެލުމުންވެސް ފެނިގެންދާނެ ކަމަށެވެ. އަދި ޑރ. ބިލާލު ފިލިޕްސްއަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށާއި، އަދި އަނިޔާވެރި އަމަލުތަކަށް ބާރުދީ، އަންހެނުންނަށްވެސް އަނިޔާވެރިވުމަށް ބާރުއަޅުއްވާ ބޭފުޅެއް ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އީވާ ވަނީ ޑރ. ބިލާލް ފިލިޕްސްއަކީ، ޑިމޮކްރަސީއާމެދު ހަލާކުކުރަނިވި ފިކުރެއް ގެންގުޅުއްވާ ބޭފުޅެއް ކަމުގައި ތުހުމަތު ކުރައްވާ، އޭނާ ރާއްޖެ ގެނައުން ހުޓާލުމަށް ގޮވާލާފަ އެވެ.

އީވާ މިފަދައިން ދެކޮޅު ހަދާފައި މިވަނީ ޔޫތް މިނިސްޓްރީގެ ދައުވަތަކަށް އަންނަ މަހުގެ 12 އިން 18 ވަނަ ދުވަހުގެ ނިޔަލަށް ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ޔޫތު މިނިސްޓަރު މަހްލޫފު އިއުލާން ކުރައްވާފައި ވަނިކޮށެވެ.