Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

އާ ޓާމިނަލްއިން ޓީއެމްއޭއަށް ފިނޭންސުން ޖާގަދިން ގޮތް ރަނގަޅު: ކޮމެޓީ

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: މަޖިލިސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަލަށް ތަރައްގީކޮށްފައިވާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ފިނޭންސް މިނިސްޓްރީން ޖާގަ ދިނުމަށް ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށް މާލިއްޔަތު ކޮމެޓީން ނިންމައިފިއެވެ.

ފިނޭންސްގެ ނިންމުމަށް ރުހުން ދޭން ކޮމެޓީން ފާސްވީ ހަތް މެމްބަރުންގެ އަގުލަބިއްޔަތަކުންނެވެ. ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އާއި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވޯޓްގައި ބައިވެރިވެ ވަޑައެއްނުގަތެވެ.

ޓާމިނަލް މައްސަލައިގައި ފިނޭންސްއިން ނިންމީ ޓީއެމްއޭއިން މިހާރު ބޭނުންކުރާ ޓާމިނަލްގެ ބޮޑުމިނާ އެއްވަރުގެ ސަރަހައްދެއް، މިހާރު ބިމު ކުލި ނަގާ ރޭޓުން އާ ސީޕްލޭން ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް އެ ކުންފުންޏަށް ދިނުމަށެވެ. އެއީ އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން، ޖުމްލަ 6،300 އަކަމީޓަރެވެ.

ރޭ މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މިހާރު ސަރުކާރުން ނިންމާފައި އެވަނީ އެންމެ އިންސާފުވެރިކޮށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. އަދި އެކަން ތަންފީޒު ކުރުމަށް އެމްއޭސީއެލްގެ ބޯޑުން ދެކޮޅު ހަދާނަމަ އެ ކުންފުނީގެ ބޯޑުގެ ބޭފުޅުން ވަކި ކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކުރީގެ ސަރުކާރުގައި ނިންމާފައި އޮތީ، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އޮންނަ ބެއިން ކެޕިޓަލަށް ޓީއެމްއޭއަށް އާ ޓާމިނަލް ހިންގަން ދޭން ކަމަށެވެ. އޭރުގެ ސަރުކާރުގެ އިތުރުން އެމްއޭސީއެލްގެ މެނޭޖުމަންޓުން ވެސް އެކަމަށް ރުހުން ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.