Last Updated: April 19, 18:52
Friday, April 19, 2024
ޚަބަރު

އެކަށީގެންވާ ވަރަށް ހެކި ހުށަހަޅައިގެން ގާސިމް މަރާލިކަން ސާބިތު ކޮށްދޭނަން: ޕީޖީ

ޕީޖީ ހުސެއިން ޝަމީމް - ފޮޓޯ: ސަން

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ގާތިލު އަދުހަމް މުހައްމަދު ޝަރީއަތުގައި މިހާރު އެކަމަށް އިންކާރު ކުރި ނަމަވެސް އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އިން ޝަރީއަތުގައި ސާބިތު ކޮށްދޭނެ ކަމަށް ޕީޖީ، ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އަދުހަމް ވަނީ މިއަދު ބޭއްވި ޝަރީއަތުގައި އޭނާ ގާސިމް ހަސަން ނުމަރާ ކަމަށް ބުނެފައެވެ. އަދި އެއީ އޭނާ ދެނެހުރި ކަމެއްވެސް ނޫން ކަމަށް ބުންޏެވެ. އަދުހަމް ވަނީ މި މައްސަލާގައި ޕީޖީއާ އެކުގައި އިއުތިރާފު އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައެވެ. އެކަން އެގޮތަށް ކޮށްފައިވަނީ މައްސަލަ އަވަހަށް ނިންމުމަށެވެ.

އެކަމާއި ގުޅިގެން ޕީޖީ ހުސައިން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއުތިރާފު އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދިއުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލާގައި ޕީޖީން ޝަރީއަތުގައި ހުށަހަޅައިގެން، ހެކީގެ މައްޗަށް ބިނާކޮށް، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރިކަން ޝަރީއަތަށް ސާބިތު ކޮށްދޭނެ ކަމަށެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އަދުހަމަށް ކުރާ ދައުވާ ސާފުކޮށްދިނުމުން އަދުހަމް ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި ބުނީ އޭނާ އެއްވެސް މީހަކު ގަސްދުގައި މަރާލާފައި ނުވާނެ ކަމަށެވެ. އަދި ގާސިމް ހަސަންގެ މަރަކީ އޭނާ ދެނަހުރި ކަމެއްވެސް ނޫން ކަމަށް އަދުހަމް ބުންޏެވެ. އޭނާ ބުނީ އެންމެ ފުރަތަމަ ބޭއްވި ޝަރީއަތުގައި އޭނާ ދައުވާއަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށްވެސް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ފުލުހުން އޭނާ ކޯޓަށް ހާޒިރުކުރީ މަސްތުވާތަކެތި ދީގެން ކަމަށެވެ. އޭނާ ވަނީ ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.

އެގޮތުން ފުރަތަމަ އަދުހަމް އަށް ދިން މަސްތުވާތަކެތި ދިނީ އޭނާ ތަނެއްގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ކަމަށާއި ފަހުން ފުލުހުންގެ އަމިއްލަ ހަރަދުގައި މަސްތުވާތަކެތި ގަނެގެން އެ ތަކެތި އޭނާއަށް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ ބުނި ގޮތުގައި އޭނާއަށް ހަމަ ބުއްދި ލިބުނީ މީގެ ހަތަރުވަރަކަށް ދުވަސް ފަހުން ކަމަށެވެ.

ޝަރީއަތް ނިންމާލުމުގެ ކުރިން ވާހަކަ ދެއްކުމަށް އަދުހަމަށް ދިން ފުރުސަތުގައި އޭނާ ވަނީ މުއްދަތު މަޖިލީހެއްގައި އިންވެސްޓިގޭޓިވް އޮފިސަރަކު، އޭނާ ބަހައްޓަނީ ހާއްސަ އިނާޔަތްތަކަކާއެކު އެކަހެރިކޮށްފައި ކަމަށް ބުނި ހަނދާންވާ ކަމަށް ބުނެފައެވެ. އެގޮތުން އަދުހަމް ބުނީ ހާއްސަ އިނާޔަތުގެ ގޮތުން އޭނާ އެކަހެރިކޮށްފައި ހުރި ގޮޅިއަށް ފުލުހުން މަސްތުވާތަކެއްޗާއި، ސިނގެރޭޓާއި ސުޕާރި ވައްދައިދިން ކަމަށެވެ.

ގާސިމް މަރާލީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު އެވެ. ގާސިމް މަރާލީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ގާސިމް ހަޅޭއްލަވަން ފެށުމުން، އޭނާ ހަޅޭއްލެވުން ނުހުއްޓުވިގެން ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގައާއި ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައިވެސް މީގެ ކުރިން އިއުތިރާފުވެފައިވެއެވެ.