އައްޑޫގެ ބޭރުން ދެފެން ދޭތެރެއިން އަޑިއަށް ގޮސްފައިވާ އުޅަނދެއް އަލިކަމެއް ނެތި އޮޔާދާތީ އެސަރަހައްދުން ދަތުރު ކުރާ އުޅަނދު ފަހަރު ސަމާލުވުމަށް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެދެފިއެވެ.
އެމްއެންޑީއެފްއިން މިރޭ ބުނީ އައްޑޫގެ ހުޅަނގު އުތުރުން 13 ނޯޓިކަލް މޭލު ބޭރުން ދެފެން ދޭތެރެއަށް އަޑިއަށް ގޮސްފައިވާ ފައިބަރު އުޅަނދެއް މިއަދު މެންދުރު ފަހު އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރަށް ފެނިފައިވާ ކަމަށެވެ.
ގަމުގައި އޮންނަ ހެލިކޮޕްޓަރަށް މިއުޅަނދު ފެނުމާއި ގުޅިގެން ސަދަން އޭރިއާގެ ކޯސްޓްގާޑުން ގޮސްބެލި އިރު އުޅަނދުގައި އެއްވެސް މީހަކު ނެތްކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
އަދި މިއުޅަނދާ ބެހޭ އެއްވެސް މައުލޫމާތު ލިބިފައިވާ ފަރާތެއްވާ ނަމަ، އެމްއެންޑީއެފް ކޯސްޓް ގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުއްވާ އެމައުލޫމާތު ފޯރުކޮށްދިނުމަށް އެމްއެންޑީއެފްއިން ވަނީ އެދިފައެވެ.