Last Updated: April 25, 18:52
Thursday, April 25, 2024
ކުޅިވަރު

ފުރަތަމަ ލެގުން އެތްލެޓިކޯ އަތުން ލިވަޕޫލް ބަލިވެއްޖެ

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އެތްލެޓިކޯ މެޑްރިޑުން އަމިއްލަ ދަނޑުގައި 1-0 އިން ލިވަޕޫލް ބަލިކޮށްފި އެވެ.

އެތްލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުގެ ހަމައެކަނި ލަނޑު މެޗުގެ ހަތަރުވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސައުލްއެވެ. އަދި އެތްލެޓިކޯގެ ލީޑު އިތުރަށް ފުޅާކޮށްލަން މި މެޗުގައި ރަނގަޅު ދެ ފުރުސަތެއް އެޓީމުގެ ފޯވާޑް އަލްވަރޯ މޮރާޓާ އަށް ލިބި ބޭކާރުވެފައިވެއެވެ.

މި މެޗުގައި ލިވަޕޫލަށް އެތްލެޓިކޯގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައިނުވާއިރު، މުޅި މެޗުގައި ވެސް ގޯލެއް ކާމިޔާބުކުރަން އެޓީމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޖޯޑަން ހެންޑަސަން އާއި މުހައްމަދު ސަލާހަށެވެ. ނަމަވެސް އެ ދެ ކުޅުންތެރިން ވެސް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެެވެ.

ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ ނަތީޖާއާ މެދު ހިތްހަމަނުޖެހުންތަކެއް ނެތް ކަމަށައި ލިވަޕޫލްގެ ދަނޑުގައި ކުޅޭ މެޗަށް އިންތިޒާރު ކުރާ ކަމަށެވެ.

"އަހަރުމެންނަށް އަދި މި އާދެވުނީ ހާފްޓައިމާ ހަމައަށް، އައިއިރު 1-0 އިން މިއޮތީ ބަލިވެފައި. ދެވަނަ ހާފް ކުޅޭނީ އަހަރުމެންގެ ދަނޑުގައި. އެތްލެޓިކޯ އަށް އެކަން އިހުސާސް ކުރެވޭނެ" ކްލޮޕް ބުންޏެވެ.

މި ދެ ޓީމު ލިވަޕޫލްގެ ދަނޑުގައި ބައްދަލުކުރާ މެޗު އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ރެއެވެ. ލިވަޕޫލް އަކީ މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުންނެވެ.