Last Updated: April 27, 06:22
Saturday, April 27, 2024
ކުޅިވަރު

ހާލަންޑްގެ ދެ ގޯލުން ޑޯޓްމަންޑުން ޕީއެސްޖީ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ބްރޫޝިއާ ޑޯޓްމަންޑުން 2-1 އިން ޕީއެސްޖީ ބަލިކޮށްފިއެވެ.

ޑޯޓްމަންޑުގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ޑޯޓްމަންޑުން ތަނަވަސްކޮށްފައިވެއެވެ.

އެގޮތުން ޑޯޓްމަންޑުގެ ޖޭޑަން ސަންޗޯ ފޮނުވާލި އެއް ހަމަލާ ގޯލުގެ ކުޑަތަންކޮޅެއް ބޭރަށް ދިޔައިރު އޭނާ ފޮނުވާލި އިތުރު ހަަމަލާއެއް ޕީއެސްޖީގެ ކީޕަރު ކޭލާ ނަވާސް ވަނީ ދިފާއުކޮށްފައެވެ. އަދި ޑޯޓްމަންޑްގެ ފޯވާޑް ހާލަންޑް ވެސް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައިވެއެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 69 ވަނަ މިނެޓްގައި ހާލަންޑް ވަނީ ޑޯޓްމަންޑަށް ލީޑު ނަގާދީފައެވެ. އޭގެ ހަ މިނެޓް ފަހުން އެމްބާޕޭ ދިން ޕާހަކުން ނޭމާ ޕީއެސްޖީ އަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް އޭގެ ދެ މިނެޓްފަހުން ހާލަންޑް ވަނީ ޑޯޓްމަންޑަށް އަނެއްކާވެސް ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޕީއެސްޖީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މިއީ މިދިޔަ ޖެނުއަރީ މަހު ޑޯޓްމަންޑާ ގުޅުނު އުމުރުން 19 އަހަރުގެ ހާލަންޑް އެޓީމަށް ކުޅެދިން ހަތްވަނަ މެޗުގައި ކާމިޔާބުކޮށްދިން 11 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ.

މި ދެ ޓީމު ޕީއެސްޖީގެ ދަނޑުގައި ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ރެއެވެ.