Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ސަރުކާރުން ހުށަހަޅަނީ ބިލެއްގެ ސުރުހީ، ބުރަ މަސައްކަތް ކުރަންޖެހެނީ މަޖިލީހަށް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަކުގައި ހުންނަނީ ހަމައެކަނި ސުރުހީ ކަމަށާއި ހުރިހާ މަސައްކަތެއް ކުރަންޖެހެނީ މަޖިލީހަށް ކަމަށް ވިދާޅުވެ ސަރުކާރުން ހުށަހަޅާ ބިލުތަކަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވާ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލުތަކަކީ އެއް ގޮތަކަށްވެސް އެމްޑީޕީގެ މެނިފެސްޓޯގެ އަމާޒުތައް ހާސިލް ކުރުމަށް ހުށަހަޅާ ބިލުތަކެއް ނޫން ކަމަށެވެ. އެގޮތުން މިދިޔަ ދައުރުގައި މަޖިލީހަށް ލިބުނު ބިލުތަކަކީވެސް އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންތައްތަކެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށަހަޅަނީ "އަންޒަމާނު ކަރައަށް ވައި އެރި އިރު"ގެ ބިލުތަކެއް ކަމަށެވެ.

"މި މަޖިލީހަށް ހުށަހަޅާ ބިލުތަކުގައި ގިނަ ފަހަރު މި އޮންނަނީ ހަމައެކަނި ސުރުހީއެއް. ދެން މި މަޖިލީހުން މި ޖެހެނީ އެ ބިލަށް ހިޔާލު ހޯދާ މަޝްވަރާކޮށް ބިލު ބިލަކަށް ހަދައި، ރައްޔިތުންގެ ހިޔާލާއި ވިންދާއި އިހުސާސް އެކުލެވޭ ގޮތަށް ފަރުމާ ކުރަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިދިޔަ ދައުރުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުތަކަކީ އެތައް ޒަމާންތަކެއް ވަންދެން ކޮށްފައިވާ މަސައްކަތްތަކެއް ކަމަށެވެ. އަދި އެ މަސައްކަތްތަކަކީވެސް ބޭރުގެ ޕްރެޝަރު ބޮޑުވެ "ބަހަނާ" ދެއްކުމުގެ ގޮތުން އެކުލަވާލާފައިވާ ބިލުތަކެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މިދިޔަ ދައުރުގައި މަޖިލީހަށް 56 ބިލެއް ސަރުކާރުން ހުށަހެޅި ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް މިދިޔަ ދައުރުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ 49 ބިލެކެވެ. އޭގެ ތެރެއިން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ 27 ބިލެއް ފާސްކޮށްފައެވެ.

ނަޝީދު މިފަދައިން ވިދާޅުވިއިރު މަޖިލީހުގެ މި ދައުރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް 56 ބިލެއް ފޮނުވަން ގަސްދުކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވެފައެވެ.