Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު

ނަފްސާނީ ސިއްހަތުގެ ބިލަށް ބަދަލު ގެނައުމުގެ ގޮތުން ބިލު އަނބުރާ ގެންގޮސްފި

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ --ފޮޓޯ / މަޖިލިސް

ސަރުކާރުގެ ފަރާތުން ހުށަހެޅި ނަފްސާނީ ހިދުމަތުގެ ބިލު އަނބުރާ ގެންގޮސްފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ އަބްދުލްހަކީމް ހުށަހެޅުއްވި ބިލަށް ބައެއް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ބޭނުންވާތީވެ އެ ބިލު މަޖިލީހުގެ ގަވާއިދުގެ ދަށުން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

އެ ބިލުގައި ވަނީ ނަފްސާނީ ބަލީގެ އެންމެހާ ކަންކަން ފޯރުކޮށްދިނުމުގެ ގޮތުން “ނޭޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތު”ގެ ނަމުގައި ހާއްސަ މަރުކަޒެއް އުފެއްދުމަށެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ހާއްސަ މަރުކަޒު އުފެދުމާއި އެކު މިހާރު ރާއްޖޭގައި ނަފްސާނީ ބަލީގެ ކަންކަން ބަލަހައްޓާ އަދި ފޯރުކޮށްދެމުން އަންނަ ސެންޓާ ފޯ މެންޓަލް ހެލްތުގެ އެންމެހާ ބާރުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާނީ ނަފްސާނީ ހިދުމަތުގެ ބިލުގައި ބަޔާންކޮށްފައިވާ ނޭޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތުންނެވެ.

ނޭޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތުގެ މަސްއޫލިއްޔަތާއި ބާރުތަކުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރެއެރުވުމާއި ނަފްސާނީ ބަލިކަށް ފަރުވާގެ އެންމެހާ ކަންކަން ފޯރުވުމެވެ. އެގޮތުން ފަރުވާއަށް އަންނަ މީހުންގެ އެސެސްމަންޓު ޓެސްޓު ހެދުމާއި ފަރުވާގެ ކަންކަން ވިލަރެސް ކުރުމާއި ފަރުވާއަށް އަންނަ ފަރާތަކަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ނޭޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތުގެ މަސްއޫލިއްޔަތާއި ބާރުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މި ސެންޓަރުގެ ކަންކަން ދުވަހުން ދުވަހަށް ބެލެހެއްޓުމަށްޓަކައި ހުންނަ ވެރިޔަކީ އެ ސެންޓަރު ނުވަތަ މަރުކަޒުގެ ޗީފް އެގްޒެކްޓިވްއެވެ. އެއީ ނޭޝަނަލް މެންޓަލް ހެލްތު ރިވިއު ބޯޑުން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ގާނޫނު ތަންފީޒު ކުރުމާއި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެ ސެންޓަރުގެ އިދާރީ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުމެވެ.