Last Updated: July 1, 00:12
Tuesday, June 30, 2026
ރިޕޯޓް

މަސައްކަތް ފުލުހުންނާއި ސިފައިންނަށް، ފައިސާ އެސްޔޫއެލް އަށް!

ސަތާރަ ވަނަ ސާކް ސަމިޓް އައްޑޫގައި ބޭއްވުމަށްޓަކައި އިމާރާތްކުރި ކޮންވެންޝަން ސެންޓަރުގެ މަސައްކަތްތައް ފުލުހުންނާއި ސިފައިން ލައްވައި މަސައްކަތް ކުރުވުމަށް ފަހު ސަދަން ޔޫޓިލިޓީން 30 މިލިއިނަށް ވުރެ ގިނަ ފައިސާ ނަގާފައިވާ ކަމަށް އޯޑިޓަ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

ކޮންވެންޝަން ސެންޓަރު ތެރޭ ބިންގަނޑު އެއްވަރު ކުރުމާއި ގާ އެތުރުމުގެ އިތުރުން ކޮންވެންޝަން ސެންޓަރުގެ ވަށައިގެން ވާ މަގުގެ ދެފަރާތަސް ބޭނުްވާ ކާބް ސްޓޯން ހަދާފައިވަނީވެސް ފުލުހުންނާއި ސިފައިން ލައްވައެވެ. އަދި މި މަސައްކަތަކީ 64.2 މިލިއަން ރުފިޔާ އަށް އެސްޔޫއެލް އާއި ހަވާލު ކޮށްފައިވާ މަސައްކަތެކެވެ.
އަދި މަސައްކަތުގެ 60 އިން ސައްތަ ފުލުހުންނާއި ސިފައިން ލައްވައި ކުރުވާފައިވާ އިރު މަސައްކަތްތަކަށް 26.3 މިލިއަން ރުފިޔާ ވަނީ އެސްޔޫއެލްއަށް ދޫކޮށްފައެވެ.

އެ މައްސަލައިގައި އޮޑިޓާ ޖެނެރަލް ތުހުމަތުކުރައްވަނީ ފުލުހުންނާއި ސިފައިން ކުރި އެ މަސައްކަތަށް ބަޖެޓުން ފައިސާ ނަގައިގެން، އެސްޔޫއެލް އިން އަމިއްލަ ދެ ކުންފުންޏަކަށް 2.10 މިލިއަން ރުފިޔާ ދީފައި ވަނީ އެ ކުންފުނިތަކުން ކޮށްފައިނުވާ މަސައްކަތްތަކަކަށް ކަމަށެވެ.

މި މަސައްކަތް ކުރުމަށް އެސްޔޫއެލް އިން ވަނީ ސަބްކޮންޓްރެކްޓް އުސޫލުން އޭއައިއާރު ކޮންސްޓްރަކްޝަން އާއި އެސްއާރު ޓްރޭޑިން ކިޔާ ކުންފުންޏަކާ އެކު އެއްބަސްވެ އެ ކުންފުނިތަކަށް ޖުމްލަ 2.10 މިލިއަން ރުފިޔާ ދީފައެވެ.

ނަމަވެސް އެއިން އެއްވެސް ކުންފުންޏަކުން ގާ އެތުރުމުގެ މަސައްކަތް ކޮށްފައިވާކަން ލިޔެކިޔުމަކުން އެނގެން ނެތް ކަމަށް އެ ރިޕޯޓް ބުނެ އެވެ.

ކޮންވެންޝަން ސެންޓަރުގެ ލޭންޑް ސްކޭޕިންގެ ބައެއް މަސައްކަތްތައް އެސްޔޫއެލް އާއި ހަވާލު ކޮށްފައި ވަނީ ވެސް މާލިއްޔަތު ގާނޫނާ ހިލާފަށް އިއުލާން ކުރުމަކާ ނުލައި ކަމަށް އޮޑިޓް ރިޕޯޓް ގައި ފާހަނގަ ކޮށްފައިވެއެވެ.

އަދި އެސްޔޫއެލް އިން އެ މަސައްކަތްތައް ކޮށްފައި ވަނީ ސަބް ކޮންޓްރެކްޓް ކޮށް އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ކަމަށް ވުމުން ދައުލަތަށް 5.9 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެ އެވެ.

އެސްޔޫއެލް އިން ސަރުކާރަށް ބިލްކޮށްފައި ވަނީ އެ މަސައްކަތަށް ހަރަދުވީ އަސްލު އަގުގެ ތެރެއަށް ބޮޑު ފައިދާއެއް ލައިގެން ކަމަށް ވެސް ރިޕޯޓުން ހާމަވެ އެވެ.

އެސްޔޫއެލް އިން ސަބް ކޮންޓްރެކްޓް ކުރުމުގައި ވާދަވެރި ބީލަމަކަށް ގޮސްފައި ނުވާއިރު އެ މަސައްކަތްތައް އަމިއްލަ ކުންފުނިތަކުން ކޮށްފައި ވަނީ އެންމެ ހެޔޮ އަގުތަކުގައި ކަމަށް ބެލެވެން ނެތް ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.

އޮޑިޓުން ހާމަވާ ގޮތުގައި އެސްޔޫއެލް އިން ވަނީ ފައިދާގެ ގޮތުގައި ދައުލަތުގެ ބަޖެޓުން 8.9 މިލިއަން ރުފިޔާ ނަގައިފަ އެވެ. އެގޮތުން ކޮންވެންޝަން ސެންޓަރުގެ ގޯތި ތެރޭގައި ޓެރާޒޯ ޖެހުމަށް ޕްރެސްޓޯނާ ޓައިލްސް ލަންކާ އާއި ދިވެހި ދެ ކުންފުންޏަކާ އެކު ކުރި މަސައްކަތުގެ އަސްލު އަގު 3.10 މިލިއަން ރުފިޔާ ކަމަށް ވިޔަސް އެސްޔޫއެލް އިން ފައިދާގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ވަނީ ނަގައިފަ އެވެ.

ލޭންޑް ސްކޭޕް ލައިޓިން މަސައްކަތް ލީނިއާޓެކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން 1.2 މިލިއަން ރުފިޔާ އަށް ކޮށްފައިވާ އިރު ފައިދާ އަށް 1.8 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. އޮޑިޓްގައި ހުރި އެ ހިސާބުތަކަށް ބަލާއިރު ގާޑް ހައުސްތައް ހެދުމަށް ބީއޭޕީސީ ކިޔާ ކުންފުންޏަކާ 714،199ރ. އަށް ހަވާލު ކުރި އިރު އެސްޔޫއެލް އިން ފައިދާ ގޮތުގައި 230،800 ވަނީ ދައުލަތުގެ ބަޖެޓުން ނަގައިފަ އެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ އެސްޔޫއެލްއާ ހަވާލުކޮށްގެން ކުރި މަސައްކަތްތަކުގެ ސަބަބުން ދައުލަތުން ދެ ގުނައަށް ޚަރަދުކުރަން ޖެހިފައިވާތީ އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި ވާދަވެރި ބީލަމެއް ނެތި އެސްޔޫއެލް އިން އެކި ފަރާތްތަކާ މަސައްކަތްތައް ހަވާލުކޮށްފައި ވާތީ އެކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް އޮޑިޓާ ޖެނެރަލް ތުހުމަތުކުރައްވަ އެވެ. އެކަން އޭސީސީން ބަލައި ތަހުގީގުކުރުމަށް ވަނީ ލަފާ ދެއްވައިފަ އެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވާ ގޮތުގައި ބަޖެޓްގައި ނެތި ސާކް ސަމިޓަށް 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

އެސްޔޫއެލް އިން ބޮޑު ފައިދާ ނަގައިގެން ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ތުހުމަތު ކޮށްފައިވާ އިރު އެސްޔޫއެލްއިން ވަނީ ކްރެޑިޓަށް އެސްޓީއޯ މެދުވެރިކޮށް ބޮޑެތި ވެހިކަލް ތައް ގަނެފައެވެ.
އަދި އެ ބިލްތަކަށް 60 މިލިއަނަށް ވުރެ ގިނަ ފައިސާ ދައްކަން ޖެހި ނުދެއްކި އެބަ އޮތެވެ.